ރާއްޖޭގެ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްޞަކޮށްގެން "ލިވަބޯޑް ފައިނޭންސް" ގެ ނަމުގައި ޚާއްޞަ މާލީ ފެސިލިޓީއެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ތަޢާރަފުކޮށްފިއެވެ. މި ފެސިލިޓީއަކީ ސަފާރީ އުޅަނދުފަހަރު ގަތުމާއި، ބަނުމާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމާއި އުޅަނދުތަކަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށް ފަރުމާކޮށްފައިވާ ލޯނު ފެސިލިޓީއެކެވެ. މީގެ ސަބަބުން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބައު އުޅަނދުފަހަރު ޒަމާނީ ކުރުމަށް ނުވަތަ އައު އުޅަނދުފަހަރު އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ އިންޓްރެސްޓް ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއެކެވެ. މީގެ އިތުރުން، މި ލޯނުގެ ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. ފައިސާ އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ ޕީކް ސީޒަނާއި އޮފް ޕީކް ސީޒަނަށް ބަލައިގެން، އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ޑޮލަރުންނެވެ.
"ލިވަބޯޑް ފައިނޭންސްގެ ނަމުގައި އަޅުގަނޑުމެން މި ތައާރަފުކުރި މާލީ ޚިދުމަތަކީ މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައި ޚާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް. މީގެ ސަބަބުން އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ،" – ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލިވަބޯޑް އުޅަނދުތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ދާއިރާ ކަމަށާއި، މި ދާއިރާއަށް ބޭނުންވަނީ ވިޔަފާރި ހިނގާ ގޮތް ރަނގަޅަށް ދަންނަ މާލީ ބައިވެރިއެއް ކަމަށެވެ. މި ފައިނޭންސިންގެ ސަބަބުން ތަޖުރިބާކާރު އޮޕަރޭޓަރުންގެ އިތުރުން، އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް ބޭނުންވާ ރައުސްމާލު ހޯދުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.




