ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިއަހަރުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ކުންފުނީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރއާ އަޅާބަލާއިރު 71 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 276 މިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 1.2 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރގައި ލިބުނު 5.48 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.
މީގެއިތުރުން ޓެކުހަށް ކެނޑުމުގެ ކުރިން މި ކުއާޓަރގައި އެ ކުންފުންޏަށް 335 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާއިރު، މިއީ ފުރަތަމަ ކުއާޓަރގެ 330 މިލިއަން ރުފިޔާއާ އަޅާބަލާއިރު 1.4 އިންސައްތައިގެ އިތުރުވުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމާއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވި ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލްކޮށް ހިފެހެއްޓުމަށް ސަރުކާރާއި އެސްޓީއޯއިން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ، ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ވަނީ ދަށްވެފައެވެ. ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ފައިދާ އިތުރުވުމާ ގުޅިގެން ޖުމްލަ ފައިދާއަށް ކުރި އަސަރު ވަނީ ކުޑަކުރެވިފައެވެ.




