ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން މިއަދު މާލޭގައި ހާއްސަ ރެއިޑް އޮޕަރޭޝަނެއް ހިންގައިފިއެވެ.
"ޓާސްކް ފޯސް" އިން ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ކެފޭ އާއި ޓޭކްއަވޭގެ ހިދުމަތްދޭ ތަންތަން ބަލައިފާސްކުރުމަށް ހިންގި ހަރަކާތެކެވެ. މިއަދުގެ އޮޕަރޭޝަނުގައި މާލޭގެ 6 ސަރަހައްދަކުން 28 ބިދޭސީއަކު ހުއްޓުވައި ލިޔެކިޔުންތައް ބެލިބެލުމުން، އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް އުޅެމުންދިޔަ 8 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ގިނަ އޮޕަރޭޝަންތަކެއް ހިންގާފައެވެ. އެގޮތުން، މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި 'އެމްއެމްސީޕީ' ގެ ދަށުން އެކަކު، 14 ވަނަ ދުވަހު މާލޭގެ 9 ކެފޭއެއް ބަލައިފާސްކޮށް 10 ބިދޭސީއަކު، އަދި 8 ވަނަ ދުވަހު މާލެއާއި ހުޅުމާލެއިން 7 ބިދޭސީއަކު ވަނީ ހިފަހައްޓާފައެވެ. މީގެ އިތުރުން، މި މަހުގެ 5 ވަނަ ދުވަހު ހުޅަނގު ބަނދަރު ފުޑް ކޯޓު ސަރަހައްދުން 27 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މަހު ހިންގި އެންމެ ބޮޑު އޮޕަރޭޝަން ކަމަށްވާ ތިލަފުށީ ރެއިޑްގައި 836 ބިދޭސީން ބަލައިފާސްކޮށް، ގަވާއިދާ ހިލާފުވި 32 މީހަކު ވަނީ ހިފަހައްޓާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިސްކަންދީގެން ފަށާފައިވާ މި މަސައްކަތްތައް ކުރިއަށް އޮތް ތަނުގައިވެސް މާލެއާއި އަތޮޅުތެރޭގައި މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.




