މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު އެއްކޮށް ނިމިގެންދާއިރު، ލޯންޗްތައް ލަފާފުރާ ސަރަޙައްދުގައި ކުދި ޖެޓީގެ ގޮތުގައި ހަތް ޖެޓީއެއް ގާއިމްކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަގު އަވަހަށް އާންމުންނަށް ހުޅުވާލުމުގެ ބޭނުމުގައި ހުރިހާ މަސައްކަތެއް ނިމެންދެން މަޑުނުކުރި ނަމަވެސް، ފަޅުތެރޭގެ މަސައްކަތްތަކުގެ ތެރެއިން އެއް ޖެޓީގެ ގޮތުގައި ބޭނުންކުރެވޭނެ ހަތް ޖެޓީއެއް ހެދޭނެ ކަމަށެވެ. މީގެސަބަބުން މިހާރު އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އެއްގަމަށް ފައިބަންޖެހޭ ދަތިކަން ހައްލުވެ، ހުރިހާ ލޯންޗަކުންވެސް ސީދާ އެއްގަމަށް ފޭބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

މީގެއިތުރުން ސަރަޙައްދަށް ދިވެހިވަންތަ ސިފައެއް ދިނުމުގެ ގޮތުން ވޯޓާފްރޮންޓް ބައިގައި ދިވެހި ރުކާއި މަގޫ ގަސް ފަދަ ތަކެތި އިންދުމަށް ވަނީ ނިންމާފައެވެ.
ރައީސް މުޢިއްޒު މައުލޫމާތު ދެއްވި ގޮތުގައި ބޮޑުތަކުރުފާނު މަގު މަޝްރޫޢުގެ މި ފޭސްއާއި ރިންގް ރޯޑުގެ ބާކީ ފޭސްގެ މަސައްކަތްތައް ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ވަނީ ޓާގެޓްކޮށްފައެވެ.
ސަރުކާރުން މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ފަޅުތެރެ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ އުތުރު ފަރާތުގެ ބައި (އެމްއެމްއޭއިން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް) މިހާރު ވަނީ ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އަދި މި މަޝްރޫޢުގެ އެންމެ ފަހު މަރުޙަލާގައި ކުރިއަށްދަނީ އެމްޕީއެލް ސަރަޙައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ބައިގެ މަސައްކަތެވެ.




