ފުވައްމުލަކު ސިޓީގައި ބޯފެނާއި ބަނގުރާ ނުހިމެނޭ އެހެނިހެން ބުއިންތައް އުފެއްދުމާއި ބަންދުކުރާނެ ކާރުހާނާއެއް ހިންގާނެ ބަޔަކު ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
އެ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނުގައިވާ ގޮތުން، މިއީ ސިޓީ ކައުންސިލުގެ ދަށުން ހިންގާ ލޯކަލް އޮތޯރިޓީ ކުންފުނި މެދުވެރިކޮށް "ޑިޒައިން، ބިލްޑް، ފައިނޭންސް އަދި އޮޕަރޭޓް" (ޑީބީއެފްއޯ) އުސޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަޝްރޫއަށް ޝައުގުވެރިވާ އިންވެސްޓަރުންނާއި، އުފެއްދުންތެރިން، ކުންފުނިތައް އަދި ކޮންސޯޓިއަމްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ސިޓީ ކައުންސިލުން ބުނި ގޮތުގައި، މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހެޅޭނީ އެކަށީގެންވާ ފަންނީ ތަޖުރިބާއާއި ހިންގުމުގެ ގާބިލުކަމުގެ އިތުރުން މާލީ ތަނަވަސްކަން ހުރި، ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ވަކިވަކި ކުންފުނިތަކުގެ އިތުރުން ކޮންސޯޓިއަމްގެ ގޮތުގައިވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮތްއިރު، ކޮންސޯޓިއަމަކުން ހުށަހަޅާނަމަ ލީޑް މެމްބަރެއް ކަނޑައަޅައި، ހުރިހާ މެންބަރުންގެ ގާނޫނީ އަދި ޝަރުތު ހަމަވާކަމުގެ މައުލޫމާތު ހުށަހަޅަންޖެހެއެވެ. މީގެއިތުރުން، މި މަޝްރޫއަށް ހާއްސަކޮށް އަލަށް އުފައްދާ ކުންފުންޏަކަށްވެސް، މައި ކުންފުނި ނުވަތަ ކޮންސޯޓިއަމްގެ މެމްބަރުންގެ މާލީ އަދި ގާނޫނީ ގާބިލުކަން ސާބިތުކޮށްދީ، ބޭނުންވާ އެހީތެރިކަން ދިނުމަށް އިގުރާރުވާނަމަ ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން އެދެނީ، މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަކޮށްފައިވާ އީއޯއައި އަންނަ މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59 ގެ ކުރިން [email protected] އަށް އީ-މެއިލް މެދުވެރިކޮށް ހުށަހެޅުމަށެވެ.



