މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްތަކަށް އަލުން އަމާޒުކޮށް ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނަށް "ވަރުގަދަ އަދަބެއް" ނުވަތަ ރައްދެއް ދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ކުރައްވައިފިއެވެ.
ޓްރަމްޕް މިހެން ވިދާޅުވީ އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި ސިފައިން ތިބޭ މަރުކަޒުތަކަށް އީރާނުން ނުވަތަ އީރާނާ ގުޅުންހުރި ޖަމާއަތްތަކުން ދެމުންދާ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާގެ މަސްލަހަތުތަކަށް ހަމަލާދިނުމަކީ އެމެރިކާއިން އެއްވެސް ހާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، މީގެ ރައްދު ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.
އެމެރިކާގެ ރައީސް ވިދާޅވި ގޮތުގައި، އެމެރިކާގެ އަސްކަރީ ގާބިލުކަމާ މެދު ސުވާލު އުފެއްދުމަކީ އީރާނުން ހަދާ ބޮޑު ގޯހެކެވެ. އަދި ކުރިއަށް އޮތް ތަނުގައި އެމެރިކާއިން ދޭނެ އަސްކަރީ ރައްދަކީ އީރާނުން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާފަދަ ވަރުގަދަ ހަމަލާތަކަކަށް ވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަހަރެމެންގެ ބޭސްތަކަށް ހަމަލާދީގެން އެމީހުންނަށް ސަލާމަތެއް ނުވެވޭނެ. އަހަރެމެންގެ ސިފައިންނާއި ވަސީލަތްތަކަށް ނުރައްކާކުރާ ނަމަ، އީރާނަށް ލިބިގެންދާނީ ދުވަހަކުވެސް ނުދެކޭ ފަދަ ވަރުގަދަ އަދަބެއް." ރައީސް ޑޮނަލްޑް ޓްރަމްޕް
މި ހަމަލާތަކާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، އެ ގައުމުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ އެއްވެސް ހަމަލާއަކަށް ވަގުތުން ރައްދުދޭން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. ދެ ގައުމުގެ މެދުގައި ހަމަލާތައް އިތުރުވަމުންދާތީ، މުޅި މެދުއިރުމަތީގެ ސަލާމަތީ ހާލަތު ވަނީ އިތުރަށް ނާޒުކުވެ، ބޮޑު ހަނގުރާމައަކަށް މަގުފަހިވެދާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.




