ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދު (އީޔޫ) އަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ދިޔާނާއަށް ރުހުން ދިނުމަށް ފެންނަކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
ދިޔާނާ ސަފީރުކަމަށް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ނަން ފޮނުއްވީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެއަށްފަހު، މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު މި މަހުގެ 15 ވަނަ ދުވަހު ވަނީ އޭނާއަށް ރުހުން ދިނުމަށް ފެންނަކަމަށް ނިންމާފައެވެ.
މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ދިޔާނާ ވަނީ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރައްވާފައެވެ. އޭނާގެ އިތުރުން އެ މަގާމަށް އައްޔަންކުރެއްވި ކުރީގެ ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ޤަތަރުގެ ސަފީރުކަމަށް، އަދި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމް ވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ގެ ސަފީރުކަމަށް އައްޔަންކުރައްވާފައެވެ.
ދިޔާނާއަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން، ސާކް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަމާއި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައެވެ.




