ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) ގެ ހިންގުން ހަރުދަނާކޮށް މަސައްކަތްތައް އަވަސްކުރުމުގެ މަގުސަދުގައި، އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނު" އަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ބިލުގެ ބަހުސް މިއަދުގެ ޖަލްސާގައި ފަށައިފިއެވެ.
ސަރުކާރުގެ ފަރާތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި މި އިސްލާހުގެ ދަށުން، މިހާރު ފަސް މެންބަރުން ތިއްބަވާ ބޯޑަށް އިތުރުވަނީ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް (ސީއީއޯ) އާއި ގާނޫނީ ދާއިރާގެ މެންބަރެކެވެ. މިހާރު ބޯޑުގައި ތިއްބަވަނީ ހަކަތަ، ފެނާއި ނަރުދަމާ، ކުނި މެނޭޖުކުރުން، މާލީ ނުވަތަ އިގުތިސޯދީ ދާއިރާ އަދި ތިމާވެށީގެ ދާއިރާ ތަމްސީލުކުރައްވާ މެންބަރުންނެވެ.
އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، ސިވިލް ސާވިސްއިން އައްޔަންކުރާ ޗީފް އެގްޒެކްޓިވް ބޯޑުގައި ހިމެނުނު ކަމުގައިވިޔަސް، ބޯޑުން ނިންމާ ނިންމުންތަކުގައި ވޯޓުލުމުގެ ހައްގެއް އޭނާއަކަށް ނޯންނާނެއެވެ.
އަދި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވަން ޖެހޭނީ ސީއީއޯ ފިޔަވައި ބޯޑުގައި ތިއްބަވާ އަނެއް ހަ މެންބަރުންގެ ތެރެއިން ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާއަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިވަޑައިގަންނަވާ ގޮތަށް އޮތް މި ބިލު ފާސްވެ ގާނޫނަކަށް ވުމުން، އަލަށް އިތުރުކުރާ މެންބަރުން 30 ދުވަހުގެ ތެރޭގައި އައްޔަންކުރަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.




