ރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި، އެފަދަ ތަންތަން ބޭނުންކުރުމާ ގުޅޭ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ބިލު" ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލުގެ މައިގަނޑު ބޭނުމަކީ، މިހާރު އަމަލުކުރަމުންދާ "ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނު" އުވާލައި، ޒަމާނީ ބޭނުންތަކަށް ފެތޭނޭހެން ފަޅުރަށްރަށާއި ފަޅުތައް އެކަށައެޅުމާއި، ކުއްޔަށް ދިނުމުގެ އިތުރުން ވަކި ބޭނުމަކަށް އެކަށައެޅިފައިނުވާ ރަށްތައް ވަރުވާއަށް ލިޔެދިނުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމެވެ. މި ބިލު ފާސްވެ ގާނޫނަކަށް ވުމުން އަމަލުކުރާނީ "ފަޅުރަށާއި ފަޅު ކުއްޔަށް ދިނުމާ ބެހޭ ގާނޫނު" ގެ ނަމުގައެވެ.
މި ބިލުގައިވާ ގޮތުން ފަޅުރަށްރަށް އެކަށައެޅޭނީ ފަތުރުވެރިކަމާއި، ސިނާއީ މަސައްކަތްތަކާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިގްތިސާދީ، އިޖުތިމާއީ އަދި ދައުލަތުގެ ބޭނުންތަކަށެވެ.
މީގެއިތުރުން، ފަތުރުވެރިކަމަށާއި ސިނާއީ ބޭނުންތަކަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ފަޅުރަށްރަށް އެކަށައަޅާނީ އެ ރަށެއް ނިސްބަތްވާ ކައުންސިލުން ކަމަށާއި، އެފަދައިން އެކަށައެޅޭ ރަށްތައް ކައުންސިލުގެ އިހުތިސާސުން ވަކިކުރެވޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އަދި ރަށްރަށް އެކަށައެޅުމުގައި އެ ރަށެއްގެ ޓޮޕޯގްރަފީއާއި، ތިމާވެއްޓަށް ކުރާނެ އަސަރުތަކާއި، ކައިރި ރަށްރަށުގެ މީހުންނަށް ކުރާނެ އަސަރުތަކަށް ރިއާޔަތްކުރަންޖެހޭއިރު، ހިމާޔަތްކޮށްފައިވާ ތަންތަން އެހެން ބޭނުންތަކަށް ކަނޑަނޭޅޭނެ ކަމަށްވެސް ވަނީ ހިމަނާފައެވެ.
އާ ބިލުގައިވާ ގޮތުން ވަރުވާއަށް ލިޔެދޭ ރަށްތައް ފިޔަވައި އެހެން ހުރިހާ ފަޅުރަށްތަކެއް ބަލަހައްޓާނީ ކައުންސިލްތަކުންނެވެ. އަދި އެކި ބޭނުންތަކަށް އެކަށައެޅޭ ރަށްތަކުގެ ލިސްޓެއް އަހަރަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ.
މިއީ ރާއްޖޭގެ ފަޅުރަށްރަށުން ލިބޭ އިގްތިސާދީ މަންފާ އިތުރުކޮށް، އެތަންތަން ބޭނުންކުރުމުގައި ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެކެވެ.



