ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ނުބާއްވާތާ ގާތްގަނޑަކަށް ދެ ހަފުތާގެ މުއްދަތެއް ފަހުން، އަލުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި އެންމެ ފަހުން ޖަލްސާއެއް ބާއްވާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ފަހުން މަޖިލީހުގެ އެއްވެސް ކޮމިޓީ ބައްދަލުވުމެއްވެސް ބާއްވާފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި ހިނގާ ދެވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް، ކުރީގެ ދައުރުތަކެކޭ އެއްފަދައިން މި ދައުރުގެ މުއްދަތުވެސް އިތުރަށް ދަންމާލުން އެކަށީގެންވެއެވެ.
މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބޭއްވުމާއި، ބައެއް ކޮމިޓީތައް 5 ނުވަތަ 10 މިނެޓު ތެރޭގައި ނިންމާލުމުގެ އިތުރުން ގަޑިޖެހުމާއެކު ކޮމިޓީތައް ކެންސަލްކުރާ މައްސަލައިގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަބަދުވެސް މަޖިލީހަށް އަމާޒުވެއެވެ. ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށް މެންބަރުންނަށް ބޮޑު މުސާރައާއި އިނާޔަތްތައް ދެމުންދާއިރު، އެއާ އެއްވަރަށް މަސައްކަތް ނުކުރެވޭ ކަމުގެ ޝަކުވާއާއި ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަނީ ބޮޑުވެފައެވެ.




