މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އަމަލީ ގޮތުން ނިންމައި، އެތަންތަން ލިބޭ މީހުންނާ ހަވާލުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރަސްމީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރަކުން އަމަލީ ގޮތުން މަޝްރޫއުތައް ނިންމައި ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ފަހަރަށް މި ދައުރު ވެގެންދާނެ ކަމަށެވެ. އެގޮތުން، ކުރީގެ ސަރުކާރުން "ކަނޑުފަޅުން" ދޫކުރި ގޯތިތަކުގެ ތެރެއިން ހުޅުމާލެ ފޭސް 2 އަދި ފޭސް 3 ގެ އިތުރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އެ މަސައްކަތްތައް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ކުރީގެ ސަރުކާރުން ފަށައި 25 އިންސައްތަ ނިމިފައި އޮތް ފަހި ފްލެޓްތައްވެސް މި ސަރުކާރުން ނިންމައި ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެންމެންނަށް ބޯހިޔާވަހިކަން ޔަގީންކޮށްދިނުމަށް ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ރަސްމާލެއިން 15،000 ގޯތި އަދި މާލެ ސަރަހައްދުން 7،800 ފްލެޓު ދިނުމަށް ނިންމާފައިވާއިރު، އެ ތަންތަން ލިބޭ މީހުންގެ ލިސްޓުވެސް މި އަހަރު ނިމުމުގެ ކުރިން އިއުލާންކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.




