ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ މައިދާނީ ކުޅިވަރުތަކާއި އަސްކަރީ ހިނގާލުން މިރޭ 20:30 ގައި ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މި ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތު ދޭ ގޮތުގައި، ޖުމްހޫރީ މައިދާނުން ފަށާ އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފް ބޭންޑާއެކު ޖުމްލަ 6 ގެމަ ބައިވެރިވާނެއެވެ. އަދި ސިފައިންގެ ތަފާތު ކޯރތަކާއި ޚިދުމަތްތައް ދައްކާލުމަށް ހަމަޖެހިފައިވާއިރު، މި ލަޝްކަރު މާލޭގެ 4 ސަރަހައްދަކަށް މަޑުކޮށް ބޭންޑުގެ ތަފާތު ރާގުތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ލަޝްކަރު މަޑުކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:
-
އާޓިފިޝަލް ބީޗު: މަޖީދީމަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތި
-
ކުޑަކުދިންގެ ބަގީޗާ ކުރިމަތި: އަމީނީމަގު
-
ގަލޮޅު ޕޮލިސް ކުރިމަތި: އަމީނީމަގު
-
ކަޅުތުއްކަލާކޮށި: ހުޅަނގު އުތުރު ކަންމަތި
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓުކޯގެ ޕެރޭޑާއި، ސްކޫލްތަކުގެ ކުޅިވަރާއި ސަޤާފީ އައިޓަމްތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ނަޝާ ގްރޫޕުތަކާއި ބޮޑުބެރު ގްރޫޕުތަކުގެ ހުށަހެޅުންތައްވެސް މި ހަރަކާތުގެ ތެރެއިން ފެނިގެންދާނެއެވެ.



