ވެހިން ރާއްޖެއިން ބޭރުގައި ކުރާ ހަރަދުތަކާއި ދަތުރުފަތުރުގެ އާދަކާދަތައް ދެނެގަތުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރިއަށްގެންދާ "ދިވެހިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކާ ގުޅޭ ސާވޭ 2026" ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި މިއަދު ފަށައިފިއެވެ.
މަރުކަޒީ ބެންކުން މަޢުލޫމާތު ދޭ ގޮތުގައި މި ސާވޭ ކުރިއަށްދާނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށެވެ.
މި ސާވޭގެ މައިގަނޑު ބޭނުމަކީ ދިވެހީން ދަތުރުކުރި މަންޒިލްތަކާއި، ދަތުރުގެ މަގުސަދުގެ އިތުރުން ދަތުރުގެ ތެރޭގައި ހިނގި ހަރަދުތަކާއި އެ ހަރަދުތައް ހަމަޖެއްސި ގޮތުގެ މައުލޫމާތު އެއްކުރުމެވެ. އެމްއެމްއޭއިން ވަނީ މި ސާވޭގައި އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ޒާތީ މައުލޫމާތެއް އެއްނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. ސާވޭއިން އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓައި، އެ މައުލޫމާތު ބޭނުންކުރާނީ ހަމައެކަނި ގައުމީ ތަފާސްހިސާބު އެކުލަވައިލުމުގެ ބޭނުމުގައި ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.
މި ދިރާސާ ކުރިއަށްދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާނެތީ، ބޭރުގައުމުތަކުން އެނބުރި ރާއްޖެ އަންނަ ދިވެހީންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދިނުމަށް މަރުކަޒީ ބެންކުން ވަނީ އެދިފައެވެ.
އެމްއެމްއޭއިން މި ސާވޭ ކުރިއަށްގެންދާއިރު، ބޭރަށް ފުރާ ދިވެހީންނަށް ރަސްމީ ރޭޓުގައި 500 ޑޮލަރު ދޫކުރެއެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ އެކައުންޓުތަކުން ބޭރުގައި ކުރާ ދަތުރާއި، ހުރުމާއި، ބޭސްފަރުވާއަށް 3،000 ޑޮލަރާ ހަމައަށް ބޭނުންކުރެވެއެވެ. ނަމަވެސް، މި ލިމިޓުތަކުގެ ސަބަބުން ބޭރު ފައިސާ ނުލިބިގެން ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހޭ ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. ކަޅު ބާޒާރު ނައްތާލުމުގެ ވައުދާއެކު މި ސަރުކާރު ވެރިކަމަށް އައި ނަމަވެސް، ބްލެކް މާކެޓުގައި ޑޮލަރުގެ އަގު 20 ރުފިޔާއަށްވުރެ މަތީގައި ހުންނަތާ ގިނަ މަސްތަކެއް ވަނީ ވެފައެވެ.



