ކޮޓްލެންޑްގެ ގްލާސްގޯގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހަވާސާގައި، ރާއްޖޭގެ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، އިންޑިއާގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު މަންސުޚް މަންޑާވިޔާއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ކުޅިވަރާއި ޒުވާނުންގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
ޔޫތު މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ޒުވާނުން ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށާއި، ޒުވާނުންގެ ހުނަރު ތަރައްގީކުރުމަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ މައްޗަށެވެ. މީގެ އިތުރުން، ރާއްޖޭގެ ކުޅިވަރުގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތަކަށް އިންޑިއާގެ އެހީތެރިކަން ހޯދުމާއި، ކުރިއަށް އޮތް ތަނުގައިވެސް ގުޅިގެން މަސައްކަތްކުރުމަށް ދެ ވަޒީރުން ވަނީ އެއްބަސްވެވަޑައިގަންނަވާފައެވެ.
ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމަކީ ރާއްޖެއަށް ނުހަނު މުހިންމު ކަމަކަށްވާތީ، އިންޑިއާގެ ތަޖުރިބާގެ އަލީގައި ދިވެހި އެތުލީޓުންނާއި ކޯޗުންގެ ފެންވަރު މަތިކުރެވޭނެ ގޮތްތަކާމެދުވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. ރާއްޖޭގެ ކުޅިވަރު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ވަޒީރު ރާފިޢު ވަނީ އިންޑިއާގެ ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާއަކީ ރާއްޖޭގެ ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމުގައި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުންދާ ގައުމެކެވެ. އެގޮތުން، އިންޑިއާގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) ގްރާންޓް ޕްރޮގްރާމްގެ ދަށުން، ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މި މަހުގެ 19 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. ޖުމްލަ 355 މިލިއަން ރުފިޔާގެ މި ގްރާންޓްގެ ސަބަބުން ރަށްރަށުގެ ޒުވާނުންނާއި އަންހެނުންނަށް ކަސްރަތާއި ކުޅިވަރުގެ ތެރެއިން ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.



