ފަތުރުވެރިކަމުގެ ބޭނުމަށްޓަކައި އައްޑޫ ސިޓީގެ އިދާރީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ "ސަވާހެލި" އެ ސިޓީގެ އިޚްތިޞާޞުން ވަކިކުރައްވައި، އިދާރީ ދާއިރާގެ ބޯޑަރަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.
ރައީސް މި ގޮތަށް ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި، (ނަންބަރު 13/2026) ޤަރާރުންނެވެ. މި ބަދަލާއެކު އައްޑޫ ސިޓީގެ އައު އިޚްތިޞާޞް ދައްކުވައިދޭ ޗާޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
ސަވާހެލިއަކީ އައްޑޫ އަތޮޅުގައި ފަތުރުވެރިކަން ފުޅާކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށްޓަކައި ހާއްސަ މަޝްރޫއުތަކެއް ހިންގުމަށް އެކަށައެޅެމުންދާ ސަރަހައްދެކެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ ދެކުނުގެ ފަތުރުވެރިކަން (ސަދަން ޓޫރިޒަމް) އާ ދިރުމެއްދީ، އައްޑޫގައި ފަތުރުވެރިކަމުގެ އެނދުތައް އިތުރުކުރުމެވެ. މި ގޮތުން، ވަކިވަކި ފަޅުތަކާއި ރަށްތައް ސަރުކާރުގެ ބެލުމުގެ ދަށަށް ނަގައި، އެތަންތަން ބޭރުގެއާއި އެތެރޭގެ އިންވެސްޓަރުންނަށް ހުޅުވާލުމަކީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ މުހިންމު ބައެކެވެ.
މި ނިންމެވުމާއެކު، ސަވާހެލި ސަރަހައްދުގައި ފަތުރުވެރިކަމުގެ ވަސީލަތްތަކާއި، ރިސޯޓު ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުތައް އިޢުލާނުކޮށް އަމަލީ މަސައްކަތް ފެށުމުގެ މަގު އިތުރަށް އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން، މި ފަދަ މަޝްރޫއުތަކުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ވަޒީފާގެ އައު ފުރުސަތުތައް ފަހިވެ، އަތޮޅުގެ ކުދި އަދި މެދު މިންގަނޑުގެ ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.




