މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީން (ޕީއެސް) އާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން (އެސްޖީ) ގެ މުސާރައާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ނިންމާފައެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، މި ބަދަލާއެކު އެ މަގާމުތަކުގެ މުސާރަތަކަށް އުނިކަމެއް އައިސްފައިވާ ކަމަށެވެ.
އާ ބަދަލާއެކު މުސާރައާއި އިނާޔަތްތައް ހަމަޖެހިފައިވާ ގޮތް:
-
ޕާމަނަންޓް ސެކްރެޓަރީ އަދި ސިޓީ ކައުންސިލް އެސްޖީ (ރޭންކް 17): އަސާސީ މުސާރައަށް 23،935ރ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23،065ރ. (ކުރިން މުސާރައިގެ ގޮތުގައި 53،000ރ. އެއްހާ ރުފިޔާ ލިބެއެވެ).
-
ރަށު ކައުންސިލް އެސްޖީ (ރޭންކް 16): އަސާސީ މުސާރައަށް 18،000ރ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 6،620ރ. (ކުރިން ޑިޕްލޮމާއިން މަތިން ކިޔަވާފައިވާނަމަ 35،000ރ. ލިބެއެވެ).
-
އެސްޖީ - ޑިޕްލޮމާ އަދި ތަޖުރިބާ (ރޭންކް 16): އަސާސީ މުސާރައަށް 10،000ރ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 7،000ރ. (ކުރިން 32،000ރ. ލިބެއެވެ).
މީގެ އިތުރުން، އައިސީޓީ އޮޕަރޭޝަން އެންޑް ޔޫސާ ސަޕޯޓް ޓެކްނީޝަން، އައިސީޓީ މެނޭޖަރުން އަދި އައިސީޓީ އެނަލިސްޓުންގެ ޖޮބް މެޓްރިކްސްތަކުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށްވެސް ބަދަލުތައް ގެނެސްފައިވާ ކަމަށް ސީއެސްސީން ބުނެއެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާއިރު، ކުއްލި ގޮތަކަށް އެސްޖީންނާއި ޕީއެސްއިންގެ މުސާރަ ކުޑަކޮށްފައި މިވަނީ، ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 20،000ރ. އަށް އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންގެ މުސާރަ 15،000ރ. އަށް ސަރުކާރުން ބޮޑުކުރި ދަނޑިވަޅެއްގައެވެ.




