ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ޚިދުމަތްތަކުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ. މިއީ މިއަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ އިތުރުވުމަށް މަގުފަހިވި މުހިންމު ސަބަބެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ވީކްލީ ފިސްކަލް ރިޕޯޓުން ދައްކާގޮތުގައި ފާއިތުވެދިޔަ މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީޖީއެސްޓީ އިންނެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 6.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު މިންވަރު ވަނީ 475 މިލިޔަން ރުފިޔާ ނުވަތަ 7.7 އިންސައްތަ އިތުރުވެފައެވެ. ޓީޖީއެސްޓީ އާއި އާންމު ޖީއެސްޓީ ހިމެނޭހެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ޖުމްލަ އާމްދަނީ ވަނީ 799.2 މިލިއަން ރުފިޔާ ނުވަތަ 9 އިންސައްތަ އިތުރުވެ، 9.7 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރުގެ 2.7 ބިލިޔަން ރުފިޔާއިން 3.0 ބިލިޔަން ރުފިޔާއަށް ނުވަތަ 12.1 އިންސައްތަ އިތުރުވެފައެވެ.
ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، ޖުލައި 16 ވަނަ ދުވަހާ ހަމައަށް ލިބުނު 15.8 ބިލިޔަން ރުފިޔާގެ ބަދަލުގައި، މިއަހަރުގެ އެ މުއްދަތުގައި 17.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ 1.8 ބިލިއަން ރުފިޔާ ނުވަތަ 11.3 އިންސައްތައިގެ ކުރިއެރުމެކެވެ. މިއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 23 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ އެމުއްދަތުގައި ލިބުނު 21.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 1.9 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ. ހިލޭ އެހީގެ ގޮތުގައި ލިބުނު އާމްދަނީ 438.8 މިލިޔަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޓެކްސް ނޫން އާމްދަނީ ވަނީ 5.1 ބިލިއަން ރުފިޔާއިން 4.9 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.
ޚަރަދުގެ ބަޔަށް ބަލާއިރު، އެންމެ ބޮޑު އިތުރުވުމެއް އައީ ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓަށާއި ސަބްސިޑީއަށެވެ. ކައުންސިލްތަކަށް ދޫކުރި ގްރާންޓްގެ ޖުމްލަ 1.5 ބިލިޔަން ރުފިޔާއަށް އަރާފައިވާއިރު، މިއީ ކުރީ އަހަރަށްވުރެ 16 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ސަބްސިޑީއަށް ކުރި ހޭދަ ވަނީ 3.1 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ ކުރީ އަހަރުގެ 1.7 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 86.3 އިންސައްތައިގެ އިތުރުވުމެކެވެ.
ޖުލައި 16 ވަނަ ދުވަހާ ހަމައަށް ދައުލަތުގެ ޖުމްލަ ޚަރަދު ހުރީ 24.5 ބިލިޔަން ރުފިޔާގައެވެ. މިއީ ކުރީ އަހަރުގެ 20.3 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 21 އިންސައްތަ އިތުރުވުމެކެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރާ ޚަރަދުތަކާއި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން މުސާރައަށް ކުރާ ޚަރަދުތައް އިތުރުވެ، ރިކަރަންޓް އެކްސްޕެންޑިޗަރ ވަނީ 21.4 ބިލިޔަން ރުފިޔާއަށް އަރާފައިވެއެވެ. އަދި ކެޕިޓަލް ޚަރަދުތައް ވަނީ 3.2 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއާއެކު މި މުއްދަތުގެ ބަޖެޓް ޑެފިސިޓް ހުރީ 1.5 ބިލިޔަން ރުފިޔާގައެވެ. ނަމަވެސް، ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދު ނުހިމަނައި ބަލާއިރު ޕްރައިމަރީ ބެލެންސް އަދިވެސް އޮތީ 1.2 ބިލިޔަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.




