ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަހުނަކާ ނުލައި ސީދާ ޑޮލަރުން ފައިނޭންސް ދޫކުރާ ޚާއްޞަ ކިޔަވާ ލޯނެއް މިއަދު ތަޢާރަފުކޮށްފިއެވެ. މިއީ އެ ބޭންކުން ދޫކުރަމުން އަންނަ ކިޔަވާ ލޯނާއި އެޑިއުކޭޝަން ފައިނޭންސިންއަށް ގެނައި ހެޔޮ ބަދަލުތަކުގެ ތެރެއިން ހުޅުވާލި އައު ފުރުސަތެކެވެ. މި ބަދަލުގެ ސަބަބުން ބޭރު ޤައުމުތަކުގައި ޕްރޮފެޝަނަލް ކޯސްތައް ފުރިހަމަކުރުމަށާއި، އެފަދަ ކޯސްތަކުގެ ފީތައް ސީދާ ޑޮލަރުން ދެއްކުމުގެ މަގު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.
ބައިނަލްއަޤުވާމީ ގޮތުން ބަލައިގަންނަ ޕްރޮފެޝަނަލް ތަމްރީނުތަކާއި ސަނަދުތައް ޙާޞިލުކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަޢާރަފުކުރި މި ޚިދުމަތުގެ ދަށުން، ކޯސް ފީތައް ބޭންކުން ސީދާ ތަޢުލީމީ މަރުކަޒަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފޮނުވައިދޭނެއެވެ. މީގެ އިތުރުން ދަރިވަރުންގެ ސްޓައިޕެންޑް ނުވަތަ ދިރިއުޅުމުގެ ޚަރަދަށް ދޭ އެލަވަންސް ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޒާމުގެ ސަބަބުން ބޭރު ފައިސާގެ މުޢާމަލާތްތައް ކުރުމުގައި ދަރިވަރުންނަށް ބޮޑު ލުޔެއް ލިބި، މާލީ ކަންކަން ނިންމުން އަވަސްވެގެންދާނެއެވެ.
މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ގޮތަކަށެވެ. އެގޮތުން ރަހުނަކާ ނުލައި ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 10 ޕަސެންޓެވެ. އަދި މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ އިތުރުން ރަހުނަކާއެކު ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 2.5 ޕަސެންޓެވެ. މި ބާވަތުގެ ލޯނު އަނބުރާ ދެއްކުމަށް 10 އަހަރުގެ ދިގު މުއްދަތެއް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ މުޙައްމަދު ޝަރީފް ވިދާޅުވީ، ކިޔަވާ ލޯނަށް ގެނައި މި ބަދަލަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް ގެނައި ބަދަލެއް ކަމަށެވެ. އަދި ރަހުނަކާ ނުލައި ޑޮލަރުން ލިބޭ މި ފުރުސަތަކީ މަތީ ތަޢުލީމާއި ޕްރޮފެޝަނަލް ސަނަދުތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެއްކަން އޭނާ ފާހަގަކުރެއްވިއެވެ.



