އަހަރުގެ ދެބައިވެ ހަތްވަނަ މަސް ނިމެން ދާއިރު، ސަބްސިޑީގެ ގޮތުގައި މުޅި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަބްސިޑީގެ ގޮތުގައި 3.13 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ސަބްސިޑީތަކަށް ކަނޑައެޅި 2.89 ބިލިއަން ރުފިޔާއަށް ވުރެ 240 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ބަޖެޓު ކުރި ވަރަށް ވުރެ ޚަރަދުތައް އިތުރުވީ އީރާނު ހަނގުރާމައާ ގުޅިގެން ތެލަށާއި ކަރަންޓު ސަބްސިޑީއަށް ކުރަން ޖެހުނު ޚަރަދު އަންދާޒާއަށް ވުރެ މަތިވުމުންނެވެ. ނަމަވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައި ވަކިވަކި ސަބްސިޑީތަކަށް ހިނގި ޚަރަދުތައް ތަފުސީލުކޮށްފައި ނުވާތީ، ކޮންމެ ދާއިރާއަކަށް އުނިވި މިންވަރު ސާފެއް ނޫނެވެ.
މިއީ މިފަހުގެ އަހަރުތަކުގައި ތަކުރާރުވަމުންދާ އާންމު މައްސަލައަކަށް ވާއިރު، ބަޖެޓުގެ އެހެން ދާއިރާތަކުން ފައިސާ އުނިކޮށް ސަބްސިޑީއަށް ޚަރަދުކުރަން މަޖުބޫރު ވަނީ ސަބްސިޑީގެ އިސްރާފު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުތައް ނުކުޅެދުމުންނެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުންނާއި މިހާރުގެ ސަރުކާރުން ވެސް ސަބްސިޑީތައް ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް އަމާޒުކޮށްގެން ދޭ ގޮތަށް ބަޖެޓުގައި ހިމެނި ނަމަވެސް، އެ ފިޔަވަޅު އަޅާފައެއް ނުވެއެވެ.
މި ސަރުކާރުން ވެސް ސަބްސިޑީ ޓާގެޓުކުރުމާއި އާސަންދަ ރިފޯމްކޮށްގެން ހަތް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރަން ބަޖެޓުގައި ހިމެނުމަށް ފަހު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަހަރުގެ ކުރީކޮޅު އެ ރިފޯމުތައް ތަންފީޒު ނުކުރަން ނިންމެވިކަން އިއުލާންކުރައްވާފައެވެ. ދައުލަތަށް ބުރަ ބޮޑު ނިޒާމެއް ކަމަށްވާ ސަބްސިޑީއަށް ކުރާ ޚަރަދު ކުޑަކޮށް، ކޮންމެހެން ބޭނުންވާ މީހުންނަށް އެފަދަ އެހީ ދިނުމަށް، ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ން މިފަހުން ވެސް ވަނީ ލަފާ ދީފައެވެ.



