މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ތިލަފުށީގައި އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކުންފުނި (ސީއެޗްއީސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ހަވާލުކޮށްފައެވެ.
އެމްޕީއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޙޫސެއިން ޝަފީޤެވެ. އަދި ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަކޮށް 14.6 މީޓަރު ފުން އަދި 375 މީޓަރު ދިގު މަގަތުފާލަމެއް ތަރައްޤީ ކުރާނެއެވެ. މީގެ އިތުރުން އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ އުޅަނދުފަހަރަށް ޚާއްސަކޮށް 5 މީޓަރު ފުން އަދި 820 މީޓަރު ދިގު ޑޮމެސްޓިކް މަގަތުފާލަމެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ބައެއް މަސައްކަތްތައް (100 މީޓަރުގެ ކީވޯލްއާއި 3 ހެކްޓަރުގެ ސަރަހައްދެއް ޕޭވް ކުރުން) މިދިޔަ ޖޫން 1 ގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
މި މަޝްރޫޢު އެއްކޮށް ނިމޭއިރު 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ މަގަތުފާލަމަކާއި 2,000 މީޓަރަށްވުރެ ދިގު ޑޮމެސްޓިކް ޓާމިނަލެއް ތަރައްޤީ ކުރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.
މާލެ ވިޔަފާރީ ބަނދަރު ތިލަފުށްޓަށް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. ކުރިއަށް އޮތް 30 އަހަރަށް އަމާޒުކޮށްގެން ފަރުމާކުރެވޭ މި ބަނދަރުގެ ސަބަބުން، މާލޭ ބަނދަރުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބި، މާފަންނު ބަނދަރު ސަރުކާރުގެ އެހެނިހެން ބޭނުންތަކަށް އައު ބަނދަރުގެ މަސައްކަތް ނިމުމުން، މުދާ ބާލައި ކްލިއަރ ކުރުމަށް މިހާރު ހޭދަވާ 5 ދުވަސް 48 ގަޑިއިރަށް (2 ދުވަހަށް) ކުރުވެ، ވިޔަފާރިތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.




