ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ. މިދިޔަ އާދިއްތަ ދުވަހު ޕީސީބީން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން، މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރަންޖެހެއެވެ.
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ކުންފުންޏާ އެކަށޭނެ މިންވަރަކަށް ތިރިކުރުމަށް ޕީސީބީން މިދިޔަ އޭޕްރީލް މަހުވެސް އެންގިއެވެ. ނަމަވެސް، އަލަށް ނެރުނު ސާކިއުލާގައި ވަނީ އެކަން ކުރުމަށް ސުންގަޑިއެއް ކަނޑައަޅައި، އަމަލުކުރާނެ ވަގުތު ބަޔާންކޮށްފައެވެ.
މުވައްޒަފުންގެ އަދަދު މަދުކުރުމަށްޓަކައި ބައެއް ކުންފުނިތަކުން މިހާރުވެސް ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން، ކުންފުނިން އަމިއްލައަށް ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު އެޗްޑީސީ އާއި ފެނަކައިން ވަނީ ހުޅުވާލާފައެވެ.
ޕީސީބީން ބުނި ގޮތުގައި ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާ ގޮތް އެ ބޯޑުން ވަރަށް ގާތުން މޮނިޓަރ ކުރާނެއެވެ. އެގޮތުން ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތަކުގެ ތަފްސީލުތައް ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ހުށަހަޅަން ސާކިއުލާގައި ވަނީ އަންގާފައެވެ.
ސަރުކާރު ކުންފުނިތަކުން މުވައްޒަފުން މަދުކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބަށް ފަހުގައެވެ. އަދި ކުންފުނިތަކުގެ ނިޒާމާއި މެނޭޖްމަންޓް ހަރުދަނާކުރުމަށްޓަކައި، މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރަން ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ މިދިޔަ އޭޕްރީލް 17 ގައި ޕީސީބީއަށް އަންގަވާފައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މުވައްޒަފުން މަދުކުރުމުގެ އިތުރުން ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އޭގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ކޮންޓްރޯލް ކުރުމާއި، އައު މުވައްޒަފުން ނެގުން ހުއްޓާލުމާއި، މަގާމުގެ ކުރިއެރުން ދިނުން މަޑުޖައްސާލުމުގެ އިތުރުން އިތުރުގަޑީގެ މަސައްކަތްތަކާއި އިހުތިޔާރީ ދަތުރުތައް ހަނިކުރުން ހިމެނެއެވެ.




