ސްކޫލްތަކުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންގެ ބޮޑު ޗުއްޓީ ފެށިފައިވާ މި ދަނޑިވަޅުގައި، އުފާވެރި ޗުއްޓީއެއް ހޭދަކުރުމާއެކު ދުޅަހެޔޮ ސިއްޙަތަކަށް އިސްކަންދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުންނަށް އިލްތިމާސްކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ޢާންމުކުރި ޕޯސްޓެއްގައި އެޗްޕީއޭއިން ވަނީ، ޗުއްޓީ ދުވަސްވަރު ސިއްޙަތަށް ރައްކާތެރިވުމުގެ ގޮތުން ސަމާލުކަންދޭންވީ މުހިންމު 5 ކަމެއް ހިއްސާކޮށްފައެވެ.
ޗުއްޓީ ދުވަސްވަރަކީ އާންމުކޮށް އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށް، ނަފްސާނީ އަދި ޖިސްމާނީ ގޮތުން އަރާމުކޮށްލަން ލިބޭ ފުރުސަތެކެވެ. ނަމަވެސް ގިނަ ފަހަރަށް މިފަދަ ދުވަސްވަރު ސިއްޙަތަށް ދެވޭ ސަމާލުކަން ކުޑަވެގެންދާކަން ފާހަގަކުރަމުން އެޗްޕީއޭއިން ބުނެފައިވަނީ، ޗުއްޓީގެ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ސިއްޙަތަށް ފަރުވާތެރިވެގެން ކަމަށެވެ. އެގޮތުން ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އެންމެ އިސްކަމެއް ދޭންޖެހެނީ ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވުމަށް ކަމަށް އެ އެޖެންސީން އިރުޝާދު ދެއްވައެވެ. ޚާއްސަކޮށް އާއިލާއާއި ކުޑަކުދިން ގާތުގައި ތިބޭ ވަގުތުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުމަކީ އެހެން މީހުންނަށް އޭގެ ނުރައްކާތެރި އަސަރު ފޯރާނެ ކަމެއް ކަމަށްވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
As we gather with family and friends this holiday, let’s put health first. Small healthy choices today can help build a healthier tomorrow. #HealthyHolidays #PublicHealth pic.twitter.com/EaxmD2wKQJ
— Health Protection Agency (@HPA_MV) July 17, 2026
ކެއިންބުއިމުގެ އާދަތަކަށް ބަލާއިރު، ޗުއްޓީ ދުވަސްވަރު ގިނައިން ފޮނި އެއްޗެއްސާއި ތަފާތު ކާނާތައް ބޭނުންކުރެވޭތީ، މިންހެޔޮ ކާނާއަށް އިސްކަންދިނުމަކީ މުހިންމު ކަމެކެވެ. އެޗްޕީއޭއިން ލަފާދޭ ގޮތުގައި ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް ތަރުކާރީއާއި މޭވާ ހިމެނުމަށް އާދަކުރަންޖެހެއެވެ. އަދި ހަކުރާއި، ލޮނާއި، ޓްރާންސް ފެޓް އެކުލެވޭ ކާނާއާއި ބުއިންތައް ބޭނުންކުރުން މަދުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި، ސްމާޓްފޯނާއި ޓެބްލެޓް ފަދަ ސްކްރީންތަކުގެ ކުރިމަތީގައި ގިނަ ވަގުތު ހޭދަކުރުމުގެ ބަދަލުގައި، ހަށިގަނޑަށް ކަސްރަތު ލިބޭ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ވަނީ ބާރުއަޅާފައެވެ. އެގޮތުން މޫދަށް އެރުމާއި، ހިނގާލަން ދިއުމާއި، އާއިލާއާއެކު ކުޅިވަރު ކުޅުން ފަދަ ހަރަކާތްތަކަކީ ސިއްޙަތަށް ފައިދާހުރި ކަންކަމުގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބިފައިވާއިރު، ޗުއްޓީ ނިންމައި ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ. އެހެންކަމުން މި ދުވަސްކޮޅަކީ ސިއްޙަތަށް ބަލައިގެން، އުފާވެރި އަދި ރައްކާތެރި ޗުއްޓީއެއް ހޭދަކުރުމަށް އެންމެން ވެސް ސަމާލުކަން ދޭންޖެހޭ ދުވަސްކޮޅެކެވެ.




