ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އެޅުމުގެ ބޮޑު މަޝްރޫއު ހައުސިން މިނިސްޓްރީން މިއަދު ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްފިއެވެ. މިއީ 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަކާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ޖުމްލަ 30 މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ކޮންމެ ޑިވެލޮޕަރަކަށް ވެސް ހަވާލުކޮށްފައިވަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހިން އެއް ޕްލޮޓެވެ.
މި މަސައްކަތް ހަވާލުކޮށްފައިވާ ފުރަތަމަ ކުންފުންޏަކީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑެވެ. ދެން މި މަޝްރޫއުގައި ހިމެނެނީ ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑާއި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޭވީ ޕާޓްނާޝިޕެކެވެ. މީގެ އިތުރުން ރަޝީދު ކާޕެންޓްރީ އެންްޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިނިޓެޑާ ވެސް މަސައްކަތް ހަވާލުކޮށްފައިވެއެވެ. ފަހު ކުންފުންޏަކީ ފްލެކްސިން ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޭވީ ޕާޓްނާޝިޕެކެވެ.

މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ހުރިހާ ފްލެޓެއްވެސް ވިއްކަންޖެހޭނީ ސަރުކާރުން އިއުލާނުކޮށްފައިވާ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމަށް ފޯމު ހުށަހަޅައި، ޝަރުތު ހަމވާ ފަރާތްތަކަށް އެކަންޏެވެ.
މިގޮތުން މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ''ބޯހިޔާވެހިކަން އެންމެނަށް'' ސިޔާސަތުގެ ދަށުން މެދުފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް، އަތްފޯރާފަށުގައި ބޭންކު މޯގޭޖް ފައިނޭންސް މެދުވެރިކޮށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގޭ ފުރަތަމަ މަޝްރޫއެވެ. ވެރިކަމުގެ ދައުރުގައި 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ ރައީސްގެ މުހިންމު ވައުދުފުޅެކެވެ.
ސަރުކާރުން މިދިޔަ ޖަނަވަރީ މަހު ހުޅުވާލި 7،900 ފުލެޓުގެ ތެރެއިން 3،000 ފުލެޓެއް އަޅަން ހަވާލުކޮށްފައިވަނީ ބީއެމްއެލުން ބޯހިޔާވަހިކަމަށް ޚާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑާއެވެ.



