ހދ. ހަނިމާދޫގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކޮށްދިނުމަށް އެ ރަށު ކައުންސިލުން ވަނީ ނިންމާފައެވެ. މިއީ މިހާރު އެ ރަށު ކައުންސިލްގައި ތިއްބެވި މެންބަރުންގެ ކެމްޕެއިން ވައުދަކަށްވާއިރު، މި ވައުދާ އެއްގޮތަށް ރަށުގެ ހުރިހާ ގެއެއްގައި ސޯލާ ހަރުކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ކައުންސިލުން ވަނީ ފާސްކޮށްފައެވެ. ހަނިމާދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކައުންސިލާއި ރައްޔިތުން ގުޅިގެންނެވެ. އެގޮތުން ކޮންމެ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމަށް ހިނގާ ޚަރަދުގެ 50 އިންސައްތަ ކައުންސިލްގެ ބަޖެޓުން ދިނުމަށް ވަނީ ނިންމާފައެވެ. އަދި ބާކީ އޮތް 50 އިންސައްތަ ޚަރަދު ދައްކަންޖެހޭނީ އެ ގެއެއްގެ ވެރިފަރާތުންނެވެ.
މި މަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރުމަށް ބޭނުންވާ ސާވޭގެ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ. ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާޤް މުހައްމަދު ވިދާޅުވި ގޮތުގައި، މި ބޮޑު މަޝްރޫއު ކުރިއަށްގެންދިއުމަށް ރާވާފައިވަނީ ހަތަރު ނޫނީ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މުޅި ރަށުގެ ހުރިހާ ގެއެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މި މަޝްރޫއަށް ޖުމްލަ 10 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ކައުންސިލުން ވަނީ އަންދާޒާކޮށްފައެވެ.



