އަލަށް ކައިވެނިކުރާ މީހުންގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ނިންމާފައެވެ. ފުރަތަމަ ފަހަރަށް ކައިވެނިކުރާ މީހުންގެ ކައިވެނީގެ ހަފުލާ ބާއްވަން ހިލޭ ޖާގަ ހަމަޖައްސައިދިނުމަކީ މޭޔަރު އާދަމް އާޒިމާއި ބައެއް ކައުންސިލަރުންގެ ކެމްޕެއިން ވައުދެކެވެ.
މިއަދު ބޭއްވި ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެކަމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށްފަހު، ވީހާވެސް އަވަހަކަށް އެ އުސޫލު އާންމުކޮށް، އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށެވެ. އަލަތު ކައިވެނިކުރާ މީހުންނަށް ހިލޭ ޖާގަ ހަމަޖައްސައިދޭން މާލޭ ސިޓީ ކައުންސިލުން ނިންމާފައިވާއިރު، ކައިވެނީގެ ހަފުލާތަކަށް ޖާގަ ކުއްޔަށް ދޫކޮށްގެން އެ ކައުންސިލަށް ބޮޑު އާމްދަނީއެއް މިހާރުވެސް ލިބެއެވެ.
މާލޭގައި އެންމެ ގިނަ ކައިވެނީގެ ހަފުލާތައް ބާއްވާ ލޮނުޒިޔާރަތް ޕާކަކީ މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ. ކޮންމެ މަހަކުވެސް މާލޭގައި އެތައް ކައިވެނީގެ ހަފުލާއެއް ބާއްވަމުންދާއިރު، މިފަދަ ތަންތަން ކުއްޔަށް ހިފުމަށް އާންމުން ބޮޑު ހޭދައެއް ކުރަންޖެހެއެވެ.



