ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު އެބަހުރި ކަމަށާއި، މިއަހަރުގެ މިހާތަނަށް އެވްރެޖްކޮށް މަހެއްގެ މައްޗަށް 80 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. "ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، މިއީ ބީއެމްއެލްގެ ތާރީޚުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވާ މުއްދަތު ކަމަށެވެ.
ބޭންކުން ޑޮލަރު ވިއްކާ މިންވަރު ވަނީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކާފައިވަނީ 21 މިލިއަން ޑޮލަރެވެ. އަދި 2023 ވަނަ އަހަރު އެ އަދަދު 37 މިލިއަން ޑޮލަރަށް އަރާފައިވާއިރު، މިއަހަރު ކޮންމެ މަހަކު ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ދަނީ ވިއްކަމުންނެވެ. މިގޮތުން ކާޑުގެ މުއާމަލާތްތަކަށާއި، ޓީޓީ ފޮނުވުމަށާއި، ތައުލީމާއި ބޭސްފަރުވާގެ އިތުރުން ފުރާ މީހުންނަށް ނަގުދު ފައިސާގެ ގޮތުގައިވެސް ބޭންކުން ގިނަ އަދަދަކަށް ޑޮލަރު ދޫކުރެއެވެ.
"މިއަހަރު މިދަނީ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ކޮންމެ މަހަކު ވިއްކަމުން. މިހާވަރަށް އިތުރަށް މިހާރު ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟" ސީއީއޯ ޝަރީފު ސުވާލު ކުރެއްވިއެވެ.
ކަސްޓަމަރުންނަށް ޑޮލަރުގެ މުއާމަލާތްތައް ކުރުމުގައި ލުއިތަކެއް ދިނުމަށް ކާޑު ލިމިޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ. އެގޮތުން 2020 ސެޕްޓެމްބަރުން ފެށިގެން ޑެބިޓް ކާޑުތަކަށް ކަނޑައަޅާފައި އޮތް 250 ޑޮލަރުގެ ލިމިޓް، 2025 ނޮވެމްބަރުން ފެށިގެން ވަނީ ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް 1،000 ޑޮލަރަށް ބޮޑުކޮށްފައެވެ. މީގެ އިތުރުން ދަތުރު ޓިކެޓް ގަތުމާއި، ހޮޓާ ބުކިން އަދި ބޭސްފަރުވާގެ ކަންކަމަށް ކާޑު ލިމިޓް 3،000 ޑޮލަރަށް ބޮޑުކޮށް، އެ ހިދުމަތް މެދުކެނޑުމެއްނެތި ދެމުންދާކަން އޭނާ ހާމަކުރެއްވިއެވެ.
ޑޮލަރުން ލޯނު ދޫކުރުމުގެ ދާއިރާއަށް ބަލާއިރު، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން ވިޔަފާރިތަކަށް ބޭންކުން ދޫކުރި ޑޮލަރު ލޯނުގެ ޖުމްލަ އަދަދު މިހާރު ވަނީ 860 މިލިއަން ޑޮލަރަށް އަރާފައެވެ.
ތަފާސްހިސާބުތަކަށް އިޝާރާތް ކުރައްވައި ސީއީއޯ ވިދާޅުވީ، 2021 އިން 2023 ގެ ނިޔަލަށް ޖުމްލަ 249 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި 2024 ވަނަ އަހަރު 142 މިލިއަން ޑޮލަރު އަދި 2025 ވަނަ އަހަރު 284 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް އިތުރު 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވެއެވެ.




