ރާއްޖޭގެ ކުންފުނިތަކާއި އިދާރާތަކުގެ ސައިބަސެކިއުރިޓީ ވަރުގަދަކުރުމަށްޓަކައި، ދިރާގާއި ދުނިޔޭގެ މަޝްހޫރު ސައިބަސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ އީސެޓް ގުޅިގެން ސައިބާ ޕްރޮޓެކްޓްގެ ނަމުގައި އާ ހިދުމަތެއް ތައާރަފުކޮށްފިއެވެ. މި ހިދުމަތަކީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން، ސައިބަ ތްރެޓްތަކުން ރައްކާތެރިކަން ފޯރުކޮށްދޭ އެންޓަޕްރައިޒް-ގްރޭޑް އެންޑްޕޮއިންޓް ސެކިއުރިޓީ ސޮލިއުޝަނެކެވެ.
ދިރާގުން ބުނި ގޮތުގައި މި ހިދުމަތަކީ ކޮންމެ ވިޔަފާރިއަކަށްވެސް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ، ސަބްސްކްރިޕްޝަން އުސޫލުން ފޯރުކޮށްދޭ ހިދުމަތެކެވެ. ކޮންމެ ކުންފުންޏެއްގެވެސް މަސައްކަތުގެ ބާވަތަށާއި ބޭނުންވާ ރައްކާތެރިކަމުގެ މިންވަރަށް ބަލައި، އެންމެ އެކަށޭނަ ޕެކޭޖެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މި ހިދުމަތް ވަނީ ހަތަރު ޕެކޭޖަކަށް ބަހާލާފައެވެ. މީގެ ސަބަބުން، ތަފާތު ސެކިއުރިޓީ ސޮލިއުޝަންތައް ވަކިވަކިން ބެލެހެއްޓުމުގެ ތަކުލީފާއި ހަރަދު ކުޑަވެ، ފަސޭހަކަމާއެކު އިތުރު އިތުބާރާއި ރަނގަޅު ފެންވަރުގެ ރައްކާތެރިކަން ލިބިގެންދާނެއެވެ.
މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކުރުމަށް ދިރާގުން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ޓެކްނޮލޮޖީއަށް ބަރޯސާވާ މިންވަރު އިތުރުވަމުންދާ މި ޒަމާނުގައި، ސައިބާ ޕްރޮޓެކްޓަކީ ކުންފުނިތަކަށް އިތުބާރާއެކު ކުރިއަށް ދިއުމަށް ލިބިގެންދާނެ ވަރުގަދަ ބިންގަލެކެވެ.
ދުނިޔޭގައި ސައިބަ ތްރެޓްގެ ނުރައްކާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، މި ހިދުމަތް މެދުވެރިކޮށް ކުރިޔާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ކުންފުނިތަކުގެ މަސައްކަތްތަކަށް ހުރަސްއެޅޭ މިންވަރު ކުޑަވެ، މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ. މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.



