އެމްޓީސީސީއާއި ޔޫއޭއީގެ ނޭޝަނަލް މެރިން ޑްރެޖިންގ ގްރޫޕާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކަށް އިންވެސްޓްކޮށް އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ޔޫއޭއީގެ ނެޝެނަލް މެރިން ޑްރެޖިންގ ކޮމްޕެނީ (އެންއެމްޑީސީ) އާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އެންއެމްޑީސީގެ އަބޫދާބީ ހެޑް އޮފީހުގައެވެ. މި މަޝްވަރާ ބައްދަލުވުމުގައި ރާއްޖެއިން އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤް އިބްރާހިމާއި، އެމްޓީސީސީގެ ޗެއަރޕާރސަން ސާދާ އިބްރާހިމް އަދި މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢުދީގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެންއެމްޑީސީ ގްރޫޕްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ކުންފުނީގެ ސީއީއޯ ނީލްސް ޑި ބްރާއެން އާއި ކުންފުނީގެ އިސްވެރިންނެވެ.

މި ބައްދަލުވުމުގައި އެމްޓީސީސީއާއި އެންއެމްޑީސީއާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ތަފާތު ދާއިރާތަކާއި ސްޓްރެޓީޖިކް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ކުންފުނި ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި، އެމްޓީސީސީގެ މަޝްރޫޢުތަކަށް އެންއެމްޑީސީން އިންވެސްޓްކުރުމުގެ އިތުރުން ޑްރެޖިން ސަޕޯޓާއި އެހެނިހެން އާލާތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މީގެއިތުރުން މުވައްޒިފުންނަށް ތަމްރީނު ހޯދުމަށް ޓްރޭނިންގެ އިތުރުން އެކްސްޗޭންޖް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނުއިރު، މި މަޝްވަރާތަކަށް ރިޢާޔަތްކޮށް ދެފަރާތުގެ ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެންއެމްޑީސީ ގްރޫޕަކީ މެދުއިރުމަތި އަދި ދެކުނު އޭޝިއާގެ ޤައުމުތަކުގައި މެރިން ޑްރެޖިންގ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގުމުގެ 50 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏެކެވެ. އެމްޓީސީސީއަކީ ރާއްޖޭގައި ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގައި، ޚާއްސަކޮށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް