މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ސައިބާ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުގެ މިންވަރު 105 އިންސައްތައަށްވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސައިބާ ކްރައިމްގެ 512 މައްސަލަ ހުށަހެޅާފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އިތުރުވެފައެވެ. ފުލުހުން ވިދާޅުވީ ސައިބާ ކުށްތައް މިހާ ބޮޑަށް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އާންމުންގެ އަތުން ފައިސާ ފޭރުމަށް އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުމެވެ.
ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިއަހަރުގެ މިހާތަނަށް 884 މައްސަލައެއްގެ ތަޙުޤީޤު ފުލުހުން ދަނީ ހިންގަމުންނެވެ. އަދި ބޭނުންވާ ފިޔަވަޅުތައް އެޅުމަށްފަހު، ކުރީގެ މުއްދަތުތަކުގައި ހުށަހެޅި މައްސަލަތައް ވެސް ހިމެނޭހެން ޖުމްލަ 457 މައްސަލައެއް ނިންމައި މިހާރު ވަނީ ފައިލްކޮށްފައެވެ.
ވަކިވަކި ކުށްތަކަށް ބަލާއިރު، މިއަހަރު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަދި އެންމެ ބޮޑަށް އިތުރުވެފައިވަނީ އޮންލައިން ޝޮޕިންގް ސްކޭމްގެ މައްސަލަތަކެވެ. މި ބާވަތުގެ ކުށްތައް 86 އިން 464 އަށް އިތުރުވެފައިވާއިރު، މިއީ 439 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތައް 15 އިން 109 އަށް އިތުރުވެ 626 އިންސައްތައިގެ ކުރިއެރުމެއް ރެކޯޑުކުރެވިފައިވާއިރު، ބޭރު ފައިސާ ބަދަލުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވެސް ވަނީ 83 އިންސައްތަ އިތުރުވެފައެވެ.
މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވި ނަމަވެސް، މީގެ ކުރީ އަހަރުތަކުގައި އާންމުކޮށް ފެންނަ، މީހުންގެ ޒާތީ މައުލޫމާތާއި އަބުރާ ގުޅުންހުރި ބައެއް ކުށްތައް މިއަހަރު ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 16 އިން 4 އަށް ދަށަށް ގޮސްފައިވާއިރު، މިއީ 75 އިންސައްތައިގެ ހެޔޮ ބަދަލެކެވެ. މީގެ އިތުރުން އަމިއްލަ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކުރުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑު ފްރޯޑްގެ މައްސަލަތައް ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މަދުވެފައެވެ.
ސައިބާ ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ފުލުހުން ވަނީ 182 މައްސަލައެއްގައި އާންމުންނަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ހެކްކޮށްފައިވާ ވައިބަރ، ވަޓްސްއެޕް އަދި ފޭސްބުކް ފަދަ 120 އެކައުންޓެއް އަނބުރާ މީސްމީހުންނަށް ހޯދައިދީފައެވެ. އަދި އާންމުން ހޭލުންތެރިކުރުމަށް ހިންގި އެކި ސެޝަންތަކުގައި މިއަހަރުގެ މިހާތަނަށް 3,143 ފަރާތަކަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވަނީ ސައިބަރ ކުށްތަކުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ އާންމު ފަރުދުންގެ ހޭލުންތެރިކަން ކަމުގައި ވިދާޅުވެ، އޮންލައިން މުއާމަލާތްތައް ހިންގާއިރު އަނެއް ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، އަމިއްލަ ޒާތީ މައުލޫމާތާއި ބޭންކިންގ ތަފްސީލުތައް އެހެން އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކުރައްވާފައެވެ.



