މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހަދަމުންދާ ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގެ ބާކީ އޮތް ބައިގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ. މިއާއެކު މުޅި މަޝްރޫއުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށް އެ ކުންފުންިން ފާހަގަކުރެއެވެ.

މިދިޔަ މާރިޗު މަހުގެ 24 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް އޮތް ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ވަނީ ތާރު އަޅާ ނިންމާފައެވެ. އެމްޓީސީސީގެ އަމާޒަކީ މިހާރު ހަދަމުންދާ ސަރަހައްދުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމައި، އަންނަ މަހުގެ 26 ވަނަ ދުވަހަށް އެ މަގު އާންމުކޮށް ހުޅުވާލުމެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މި މަޝްރޫއުގެ ތެރެއިން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހެޑް އޮފީސް ކުރިމަތީ ފަޅުން އިތުރަށް ބޮޑު ބައެއް ހިއްކައި، އެ ސަރަހައްދުގައި ޕާކިންގ ޒޯނެއް ހެދުމަށް ވެސް ވަނީ ނިންމާފައެވެ. މި މަޝްރޫއު އެންމެ ފުރަތަމަ ފަރުމާކޮށްފައިވަނީ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު އޮތް ފަޅުން ބައެއް ހިއްކައިގެން، ހަތަރު ލޭނަށް ވާގޮތަށް މަގު ފުޅާކޮށް ތާރު އެޅުމަށް ކަމަށްވެސް އެމްޓީސީސީގެ މައުލޫމާތުން އެނގެއެވެ.



