ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމުގެ ނަމުގައި، ވަކި ޚާއްސަ ސަބަބެއް ނެތް ނަމަވެސް ކޯޓުތަކުގެ އިސްފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ފުރިހަމަ އިޚުތިޔާރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ލިބޭ ގޮތަށް އެކުލަވައިލި ގަވާއިދަކަށް މިއަދު އަމަލުކުރަން ފަށައިފިއެވެ. ކޯޓުތަކަށް އިސްފަނޑިޔާރުން އައްޔަނުކުރުމާއި ވަކިކުރުމުގެ އުސޫލުތައް ބަޔާންކުރާ މި ގަވާއިދު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
މި ގަވާއިދުގައި އިސްފަނޑިޔާރުން އައްޔަނުކުރުމުގެ އިޖުރާއަތްތައް ވަރަށް ތަފްސީލުކޮށް ލިޔެފައިވީ ނަމަވެސް، މަގާމުން ވަކިކުރުމުގެ ހުރިހާ ބާރެއް ދީފައިވަނީ ކޮމިޝަނަށެވެ.
"ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށް ޓަކައި އިސްފަނޑިޔާރަކު މަގާމުން ދުރުކުރަން ޖެހޭ ކަމަށް ޖޭއެސްސީއަށް ފެނިއްޖެ ހިނދެއްގައި"، އެ ބަދަލު ގެނައުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެންވެއެވެ.
އިސްފަނޑިޔާރުން އައްޔަނުކުރުމުގެ މިންގަނޑުތައް
އާ ގަވާއިދުގެ ދަށުން އިސްފަނޑިޔާރުން އައްޔަނުކުރުމުގައި ކޮމިޝަނުން ތިރީގައިވާ ކަންކަމަށް ބަލާނެއެވެ:
-
ފަންނީ ގާބިލުކަން: ގާނޫނީ ފަންނަށް އަހުލުވެރިވެފައިވާ މިންވަރު.
-
ވިސްނުމާއި ތަސައްވުރު: އިޖުތިމާއީ ކަންކަމުގައި ގެންގުޅޭ ތަސައްވުރާއި، މައްސަލަތައް ހައްލުކުރުމުގެ ވިސްނުން ހުރި މިންވަރު.
-
ހުނަރާއި އަޚްލާގު: މުއާމަލާތްކުރުމުގެ ގާބިލުކަން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު، މަސައްކަތުގެ އަޚްލާގު އަދި ހިންގުމުގެ ހުނަރު.
ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުތު
-
ސުޕީރިއާ ކޯޓުތައް: ސުޕީރިއާ ކޯޓުތަކުގެ އިސްފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ މިހާރު ވެސް އެ ކޯޓެއްގައި މަސައްކަތްކުރަމުންދާ ފަނޑިޔާރުންނަށެވެ.
-
ޖުޑީޝަލް ދާއިރާތައް: ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓް ކަމަށް ކުރިމަތިލެވޭނީ އެ ދާއިރާއެއްގެ ކޯޓުތަކުގައި ތިއްބެވި މެޖިސްޓްރޭޓުންނަށެވެ.
ޖޭއެސްސީން މިފަދަ ބޮޑެތި ބާރުތަކެއް ލިބޭ ގަވާއިދެއް އެކުލަވައިލާފައިވާއިރު، އެ ކޮމިޝަންގެ މިނިވަންކަމާމެދު އާންމުންނާއި ސިޔާސީ މައިދާނުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ޚާއްސަކޮށް، ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުން މަގާމުން ވަކިކުރުމުގައި ކޮމިޝަނުން އަމަލުކުރި ގޮތުގެ ސަބަބުން، ވެރިކަން ހިންގާ ބާރުގެ ފަރާތުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި ޖޭއެސްސީގެ ނިންމުންތަކަކީ ސިޔާސީ މަގްސަދުތަކެއް ހާސިލްކުރަން ނިންމާ ނިންމުންތަކެއް ކަމުގެ ތުހުމަތުވެސް ދަނީ ކުރެވެމުންނެވެ.




