މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ފަސް ހުށަހެޅުމަކަށް ޖަވާބު ދީފައި ނުވާތީ، އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއަޅާ ކަމަށް ކަނޑައަޅައި ރައީސް އޮފީސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) މިއަދު ނިންމައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު ބޭއްވި އާންމު އަޑުއެހުމެއްގައި ވިދާޅުވީ، މައުލޫމާތު ފޯރުކޮށްދިނުމަށް ގާނޫނުން ކަނޑައަޅާފައިވާ މުއްދަތުގައްޔާއި، އޭގެ ފަހުން ކޮމިޝަނުން އެންގި މުއްދަތުގައި ވެސް ރައީސް އޮފީހުން ޖަވާބުދީފައި ނުވާ ކަމަށެވެ. އަދި މިއީ ކޮމިޝަނަރުގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެ ފަސް މައްސަލާގައި ކޮމިޝަނުން ކަނޑައަޅާ މުއްދަތުގައި ޖަވާބު ނުދީ 45 ދުވަހަށް ވުރެ ދިގުލައިގެން ހިނގައްޖެ ނަމަ، ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާކުރަން ފޮނުވާނެއެވެ.
އާންމު އުސޫލުން އިންފޮމޭޝަން ކޮމިޝަނުން އަންގަނީ އަޑުއެހުން ބާއްވާތާ ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އަދި ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފު ކުރުމަށް އިދާރާތަކަށް 45 ދުވަހުގެ މުއްދަތެއް ލިބެއެވެ.
ރައީސް އޮފީސް މިފަހަރު ޖޫރިމަނާކުރިއިރު، މައުލޫމާތު ހޯދުމުގެ ރަސްމީ ހުށަހެޅުމަކާ (އާރުޓީއައި) ނުލައި ވެސް، ސަރުކާރުގެ އިދާރާތަކުން ކޮންމެހެން ހާމަކުރަންޖެހޭ މައުލޫމާތުތައް (ޕްރޯއެކްޓިވް ޑިސްކްލޯޒާ) ހާމަކުރުމުގެ އެވްރެޖު 100 ޕަސެންޓަށް ރައީސް އޮފީހާއި 16 މިނިސްޓްރީއަކުން މިދިޔަ މަހު ވަނީ މަތިކޮށްފައެވެ. މީގެ ކުރިން މި އެވްރެޖު ހުރީ 34 ޕަސެންޓުގައެވެ. މިއީ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން މިފަދަ މައުލޫމާތުތައް އަމިއްލައަށް އިސްނަގައިގެން ފުރިހަމައަށް އާންމުކުރި ފުރަތަމަ ފަހަރު ކަމަށް ވެސް ކޮމިޝަނުން ކުރިން ހާމަކޮށްފައިވެއެވެ.




