ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ތެރެއިން ފްލެޓާއި ގޯތި ހޯދައިދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ވަނީ ފަށާފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވެނީ ފިޝަރީޒް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީންގެ މައްޗަށެވެ. ފުލުހުން ބުނި ގޮތުގައި، ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ ބައެއްގެ އަތުން ފައިސާ އަތުލާފައިވާ މައްސަލައެއް ސަމާލުކަމަށް އައުމާ ގުޅިގެން މިހާރު ދަނީ އެކަން ރަސްމީކޮށް ތަހުގީގު ކުރަމުންނެވެ.
ޔާސީންގެ މައްޗަށް ތުހުމަތުކުރެވެނީ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުންނާއި، ފަނޑިޔާރުންގެ އިތުރުން އާންމުންގެ އަތުންވެސް މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާކަމަށެވެ.
އެގޮތުން ފްލެޓް ދޭނެކަމަށް ބުނެ ކޮންމެ މީހެއްގެ އަތުން ދެލައްކައާއި ހަތަރު ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް އޭނާ ވަނީ އަތުލާފައެވެ. އަދި ގޯތި ދޭނެކަމަށް ބުނެ ބައެއް މީހުންގެ އަތުން ތިން މިލިއަން ރުފިޔާއަށްވުރެ ގިނައިން ފައިސާ ނަގާފައިވާކަމަށް މައުލޫމާތު ލިބެއެވެ. މި އޮޅުވާލުންތަކުގެ ތެރެއިން އޭނާ ހޯދާފައިވާ ފައިސާގެ ޖުމްލަ އަދަދު 25 މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތައް އިތުރުވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ވަނީ ޔާސީން އޭނާ ހުރި މަގާމުން ވަކިކުރައްވާފައެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ܫަރީފް ވިދާޅުވީ، ޔާސީން މަގާމުން ވަކިކުރެއްވީ ކޮރަޕްޝަނަށް ސަރުކާރުން ޖާގަ ނުދެއްވާނެތީކަމަށެވެ.




