ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ކިބައިގައި އަދުލުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ދެކޮޅު ހައްދަވައިފިއެވެ.
އެ މަނިކުފާނުގެ ޕާޓީ، ޕީއެންއެފުން ސިލްސިލާކޮށް ބާއްވާ ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބި ފަނޑިޔާރުންގެ އަދުލުވެރިކަމެއް ނެތުމުން، މަރުގެ ހުކުމް ކުރުން ފަދަ ބޮޑު ކަމެއް އެ ފަރާތްތަކާ ހަވާލުކުރަން ހެޔޮނުވާނެ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރުމަކީ މިހާރު އެ މަނިކުފާނުގެ ސިޔާސަތެއް ނޫން ކަމަށް ޔާމީން ވަނީ ހާމަކުރައްވާފައެވެ. ކުރީގައި އެކަމަށް ވަކާލާތު ކުރެއްވި ނަމަވެސް، މިހާރު ވިސްނުންފުޅު ބަދަލުވި ސަބަބު އެ މަނިކުފާނު ސިފަކުރެއްވިއެވެ.
"މަރުގެ ހުކުމް ތަންފީޒުކުރަން އަޅުގަނޑަކީ ކުރީގައި ވަކާލާތު ކުރި މީހެއް. އެކަމަކު، ފަނޑިޔާރުންގެ އަދުލުވެރިކަން ނެތްތަން ފެނުނީމައި މަރުގެ ހުކުމް ކުރުމާ އަޅުގަނޑު ދެކޮޅު މިހާރު." ޔާމީން ވިދާޅުވި އެވެ.
ޔާމީން މިފަދައިން ވިދާޅުވިއިރު، މިދިޔަ މާރިޗު މަހުގެ ފަހުކޮޅު ރައީސް ޑރ. މހައްމަދު މުއިއްޒު ވަނީ މަރުގެ ހުކުމް ތަންފީޒުކުރުމަށްޓަކައި، އެކަމަށް ޚާއްސަ ގާނޫނެއް އެކުލަވައިލުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، އެ މަހުގެ ކުރީކޮޅުން ފެށިގެން ވަނީ ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހެއް ގެނެސް އަމަލުކުރަން ފަށާފައެވެ. އެކަމަކު، މިހާތަނަށް އެ ގާނޫނުގެ ދަށުން އެއްވެސް މީހަކަށް މަރުގެ އަދަބު ދީފައެއް ނުވެއެވެ.




