ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ސިއްހީ ހިދުމަތްތަކުގެ ފެންވަރު މަތިކުރުމަށާއި، އެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްދާ ބޮޑު މަޝްރޫއުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށްޓަކައި ހެލްތު މިނިސްޓްރީގެ މަތީ ފަންތީގެ ވަފުދަކުން އެ ހޮސްޕިޓަލަށް ހާއްސަ ޒިޔާރަތެއް ކުރައްވައިފިއެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ސީއީއޯ ހުސައިން އާސިފް އިސްކޮށް ހުންނަވައި ކުރިއަށްގެންދެވި މި ޒިޔާރަތުގައި، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހުމަދު އަޝްރަފްގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު ސަމާހާ އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ހޮސްޕިޓަލުގެ އިސްވެރިންނާ އެކު ފަންނީ މަޝްވަރާތަކެއް ބޭއްވުމުގެ އިތުރުން، އިމާރާތް ބޮޑުކުރުމާއި ހިދުމަތްތައް ފުޅާކުރުމަށް ކުރިއަށްދާ މަސައްކަތްތަކުގެ ސައިޓް އިންސްޕެކްޝަނެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
މި ބައްދަލުވުންތަކާއި އިންސްޕެކްޝަންގެ މައިގަނޑު ބޭނުމަކީ، އުނގޫފާރު ހޮސްޕިޓަލުގައި މިހާރު ދެމުންދާ ހިދުމަތްތައް މުރާޖާކުރުމާއި، އެ ސަރަހައްދުގެ ރައްޔިތުންނަށް ހާއްސަ ބަލިތަކުގެ (ސްޕެޝަލިސްޓް) ފަރުވާ އިތުރަށް ފުޅާކޮށް ފޯރުކޮށްދިނުމަށް ހިންގާ ޓާޝަރީ ފެންވަރުގެ މަޝްރޫއު އަވަސް ފިޔަވަޅުތަކަކާ އެކު ކުރިއަށްގެންދިއުމެވެ.
މިގޮތުން ހޮސްޕިޓަލަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ދެފަރާތުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތަކަށް ވެސް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ އެއް ސިޔާސަތެވެ.




