އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި މިސްރުގެ މައި އެހީދޭ ޖަމްޢިއްޔާގެ އިސް ވެރިޔާ މުހައްމަދު އަލް-ވާހިދީއަށް އިހްތިރާމް އަދާކުރުމަށް ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ނުކުމެ، އޭނާގެ ޖަނާޒާގައި ބައިވެރިވެއްޖެއެވެ. އޭނާއަކީ ޣައްޒާގެ ރެފިއުޖީ ކެމްޕުތަކުގައި ބޮޑެތި ސްކްރީންތައް ބަހައްޓައިގެން، އާންމުންނަށް ވޯލްޑް ކަޕް މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިން މުހިންމު ޝަހުސިއްޔަތެކެވެ.
އުމުރުން 57 އަހަރުގެ އަލް-ވާހިދީ ޝަހީދުކޮށްލާފައިވަނީ އޭނާ ދަތުރުކުރަމުންދިޔަ ޓެކްސީއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ. ގައްޒާ ސިޓީގެ ސަބްރާ އަވަށުގައި ދިން މި ހަމަލާ އަމާޒުވީ، ވޯލްޑް ކަޕްގައި މިސްރާއި އާޖެންޓީނާ ބައްދަލުކުރި ފޯރިގަދަ މެޗުގެ ކުރީ ރޭގައެވެ.
މި ހަމަލާގައި އަލް-ވާހިދީގެ އިތުރުން ތިން މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެ ސަރަހައްދުން ހިނގާފައި ދިޔަ އުމުރުން 10 އަހަރާއި 8 އަހަރުގެ ދެ ކުޑަކުދިން ހިމެނެއެވެ. ފަލަސްތީނުގެ ހިއުމަން ރައިޓްސް ސެންޓަރުން އާންމުކުރި ގޮތުގައި، މި ހަމަލާގައި ޓެކްސީގެ ތެރޭގައި އިން އުމުރުން 30 އަހަރުގެ އަހުމަދު ޖިހާދު ރަޖަބް ދޮގްމުޝްވެސް ވަނީ މަރުވެފައެވެ.
ޣައްޒާގައި ހުންނަ މިސްރުގެ ރިލީފް ކޮމިޓީގެ ޕަބްލިކް ރިލޭޝަންސް ޑިރެކްޓަރުގެ މަގާމުގައި ހުރި އަލް-ވާހިދީއަކީ، ޣައްޒާގެ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ގާގަނޑުތައް ނެގުމާއި، މަގުތައް ހުޅުވުމާއި، ގެދޮރު ގެއްލިފައިވާ އާއިލާތަކަށް ފޭލިގެތައް ހެދުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތްކުރި މީހެކެވެ.
ދެ އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާ އިސްރާއީލުގެ އުދުވާންތަކުގެ ތެރެއިންވެސް، އާންމުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިނުމަށް އޭނާ ވަނީ ވޯލްޑް ކަޕް މެޗުތައް ބޮޑެތި ސްކްރީންތަކުން ބެލޭނެ ގޮތް ހަދާފައެވެ. މިސްރުގެ ޓީމު މުބާރާތުން ކެޓުމުގެ ކުރިން، ޣައްޒާގެ އެތައް ހާސް ބަޔަކު ދިޔައީ އެއްވެގެން މިސްރު ޓީމަށް ސަޕޯޓްކުރަމުންނެވެ.
"އަހަރެންގެ ބައްޕަ ވަރަށް ބޮޑަށް މަސައްކަތްކުރީ ޣައްޒާގެ ނިކަމެތިވެފައިވާ އާއިލާތަކަށް ކުޑަނަމަވެސް އުފާވެރިކަމެއް ހޯދައިދޭން. ބައްޕަ ބޭނުންވީ އެމީހުން ތިބި ފޭލިގެތަކާއި ހަލާކުވެފައިވާ ހިޔާވަހިކަން ކައިރިއަށް ވޯލްޑް ކަޕްގެ މެޗުތައް ގެނެސްދޭން. އެ މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ނަމަވެސް، ބައްޕަ އަބަދުވެސް ބުނަނީ ނިކަމެތިންނަށް އެހީވާން ބޭނުންވާ ކަމަށް." އަލް-ވާހިދީގެ ދަރިފުޅު ފަވާޒް ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގަ ބުނެއެވެ.
ބުދަ ދުވަހު ބޭއްވި އަލް-ވާހިދީގެ ޖަނާޒާގައި އެތައް ސަތޭކަ މީހުން ބައިވެރިވިއިރު، އޭނާގެ ހަށިގަނޑު ވަޅުލާފައިވަނީ ފަލަސްތީނާއި މިސްރުގެ ގައުމީ ދިދައިން ނިވާކުރުމަށްފަހުގައެވެ.

އިސްރާއީލުން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދެމުންދަނީ، 2025 އޮކްޓޯބަރު 10 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ދަނޑިވަޅެއްގައެވެ. އެއްބަސްވުމަށްފަހު އެއްގަމު މަގުން ކުރާ ހަނގުރާމަ ކުޑަވި ނަމަވެސް، އިސްރާއީލުން ދަނީ ހުއްޓުމެއްނެތި ވައިގެ ހަމަލާތައް ދެމުންނެވެ.
މި "ސުލްހަ" އެއްބަސްވުމުގެ މުއްދަތުގައި އެކަނިވެސް އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި 1,092 ފަލަސްތީނު މީހުން ޝަހީދުވެ، 3,507 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 2023 އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ބޮޑު ގަތުލުއާންމުގައި މިހާތަނަށް 73,118 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުކޮށްލާފައެވެ.



