އެމްޓީސީސީން ހދ. ހަނިމާދޫގައި އިމާރާތް ކުރަމުންދާ އައު މިސްކިތުގެ ބޭރު ފާރު ރޭނުމުގެ މަސައްކަތް މިހާރު ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ޖުމްލަ 7،933 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި، އެއްފަހަރާ 500 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައާއެކު ބިނާކުރާ މި މިސްކިތަކީ ދައުލަތުގެ ބަޖެޓުން 9.44 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މުހިންމު މަޝްރޫއެކެވެ.
Project Update: Construction of Hdh. Hanimaadhoo Mosque
Ground floor masonry works are ongoing.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/UgOYD0he4U
— MTCC Plc (@MTCCPlc) July 9, 2026
ކުރިން މަސައްކަތް ހުއްޓިފައި އޮތް މި މިސްކިތުގެ މަސައްކަތް އެމްޓީސީސީން އަލުން ފަށައިގެން ކުރިއަށްގެންދާއިރު، މިއީ ރަށުގެ އިތުރުވަމުންދާ އާބާދީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެކެވެ.
ހދ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ހަނިމާދޫއަކީ 2,600 އަށްވުރެ ގިނަ މީހުން ދިރިއުޅެމުންދާ، އަދި އެހެން ރަށްރަށުން މީހުން ހިޖުރަކުރުމާ ގުޅިގެން މިހާރު އާބާދީ 3,000 އާ ގާތްކުރާ ރަށެކެވެ.
މީގެއިތުރުން، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އޮތުމުގެ ސަބަބުން އެ ރަށަކީ މުޅި އުތުރުގެ ދަތުރުފަތުރާއި އިގްތިސާދީ މައި ހަބެވެ. ރަށުގެ މި މުހިންމުކަމަށް ބަލައި، އެމްޓީސީސީން ވަނީ ފާއިތުވި އަހަރުތަކުގައި އެ ރަށުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ކާމިޔާބު މަޝްރޫއުތަކެއް ނިންމާފައެވެ. އެގޮތުން، ރަށުގެ އިގްތިސާދީ ދިރުމާ ގުޅިފައިވާ ބޮޑު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން، ރަށުގެ 20 މަގަކަށްވުރެ ގިނަ މަގުގައި ތާރުއަޅައި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމަކާއެކު ހިންގި ބޮޑު މަގު ހެދުމުގެ މަޝްރޫއުވެސް އެމްޓީސީސީން ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.



