ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅޭ އެކި ބާވަތުގެ މައްސަލަތަކުގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި 7 އިންސައްތަ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. ފުލުހުންގެ ރިޕޯޓްތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު 5،757 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، މިއަހަރުގެ އެ މުއްދަތުގައި މި އަދަދު ވަނީ 6،198 އަށް އަރާފައެވެ.
މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑު ނިސްބަތެއް ހިއްސާކުރަނީ ވައްކަމުގެ މައްސަލަތަކެވެ. އެއީ ޖުމްލަ މައްސަލަތަކުގެ 28 އިންސައްތައެވެ. އަދި ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެއީ ޖުމްލަ މައްސަލަތަކުގެ 24 އިންސައްތައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 1،531 އެކްސިޑެންޓް ރިޕޯޓްކުރިއިރު، މިއަހަރު އެ އަދަދު ވަނީ 2 އިންސައްތަ އިތުރުވެ، 1،568 އަށް އަރާފައެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހުގެ އެކްސިޑެންޓުތަކުގެ މަހު ތަފާސްހިސާބު:
-
ޖަނަވަރީ: 303 އެކްސިޑެންޓު
-
ފެބުރުވަރީ: 251 އެކްސިޑެންޓު
-
މާރިޗު: 273 އެކްސިޑެންޓު
-
އެޕްރީލް: 284 އެކްސިޑެންޓު
-
މޭ: 273 އެކްސިޑެންޓު
-
ޖޫން: 256 އެކްސިޑެންޓު
ފުލުހުންނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފްސީލު: ވައްކަމުގެ 1،775 މައްސަލައާއި އެކްސިޑެންޓްތަކުގެ 1,568 މައްސަލައިގެ އިތުރުން، މަސްތުވާތަކެއްޗާ ގުޅޭ 1،116 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން އެއްޗެހި ގެއްލިގެން 527 މައްސަލަ، މާރާމާރީގެ 339 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 326 މައްސަލަ، ގެވެށި އަނިޔާގެ 172 މައްސަލަ، ޚިޔާނަތުގެ 172 މައްސަލަ، ޖިންސީ ކުށުގެ 131 މައްސަލަ، ފޭރުމުގެ 81 މައްސަލަ އަދި ފޯޖް ކުރުމުގެ 23 މައްސަލަ ހިމެނެއެވެ.
މިއަހަރުގެ ތަފާސްހިސާބުތަކުން ފެންނަ ބަދަލުތަކަކީ، މުޖުތަމަޢުގެ ސަލާމަތީ ކަންކަމާމެދު އެންމެން ފުންކޮށް ވިސްނަންޖެހިފައިވާ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ވައްކަމާއި އެކްސިޑެންޓްތަކުގެ ނިސްބަތް މަތިވަމުންދާތީ، އާންމު ރައްޔިތުންނާއި ކަމާބެހޭ އިދާރާތަކާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރަން ޖެހެއެވެ.




