ފިނޭންސް މިނިސްޓްރީގެ ބަޖެޓް ނަތީޖާ ބަޔާނުން އެނގޭ ގޮތުގައި، މިދިޔަ އަހަރު ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކޮށްގެންނާއި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް 120 މިލިއަން ޑޮލަރު ނުވަތަ 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރު ރިސޯޓު ކުލީގެ މުއްދަތު އިތުރު ކުރުމަށް ހުޅުވާލި ފުރުސަތުގައި 18 ފަރާތަކުން ވަނީ މުއްދަތު އިތުރުކުރުމުގެ ފީ ދައްކާފައެވެ. މީގެ އިތުރުން ރިސޯޓުތައް ތަރައްގީ ކުރުމަށްޓަކައި 15 ފަރާތަކުން ބިން ވިއްކުމާއި ބަދަލު ކުރުމަށް ނަގާ ފީގެ ގޮތުގައި 196 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
މިދިޔަ އަހަރުގެ މާޗު މަހު ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން، މުއްދަތު އިތުރު ކުރުމަށް އަވަހަށް ފައިސާ ދެއްކި ރިސޯޓުތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދިޔައެވެ. އެ އިސްލާހުގައިވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ދިނުމަށްފަހު، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި މުއްދަތު އިތުރުކުރާނަމަ ހާއްސަ އަގުތަކެއް ކަނޑައެޅުނެވެ.
އެގޮތުން ހަ މަސް ދުވަހުގެ ތެރޭގައި އިތުރު 49 އަހަރަށް މުއްދަތު އިތުރުކުރާނަމަ އެއްފަހަރާ ދައްކަން ޖެހެނީ ފަސް މިލިއަން ޑޮލަރެވެ. އަދި އެ މުއްދަތު 20 އަހަރަށް އިތުރުކުރާނަމަ 2.5 މިލިއަން ޑޮލަރު ދައްކަން ޖެހޭއިރު، 25 އަހަރަށް މުއްދަތު އިތުރުކުރާނަމަ އެއްފަހަރާ ދައްކަން ޖެހެނީ ތިން މިލިއަން ޑޮލަރެވެ.
ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަސް ފާއިތުވުމަށްފަހު 49 އަހަރަށް މުއްދަތު އިތުރު ކުރެވޭނީ ފީއެއްގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދެއްކުމުންނެވެ.
ގާނޫނުގައި ކުރިން އޮންނަ ގޮތުން ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް އެއް ލައްކަ ޑޮލަރު ދައްކަން ޖެހެއެވެ. އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭއިރު، ހަ މަހަށް ވުރެ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާނަމަ ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރުގެ ރޭޓުން ފީ ދައްކަން ޖެހެއެވެ.



