ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 32 ގެ ބުރުގައި އޮސްޓްރޭލިއާ ބަލިކޮށް މިސްރުން ހޯދި ތާރީހީ ކާމިޔާބީ، އެ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަން ފަލަސްޠީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފިއެވެ. މިއީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި މިސްރުން މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ. މި ތާރީޚީ މޮޅާއެކު މުޅި ޢަރަބި ދުނިޔޭގައި އުފާފާޅުކުރަމުންދާއިރު، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ގައްޒާގެ ރައްޔިތުންވެސް ވަނީ ރޭގަނޑު ހޭލާ ތިބެ މި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފައެވެ.
އެމެރިކާގެ ޓެކްސަސްގައި ހުންނަ ޑަލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. މެޗުގެ 13 ވަނަ މިނެޓުގައި އިމާމް އަޝޫރު ބޮލުން ޖެހި ލަނޑުން މިސްރުން ލީޑު ނެގި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު މިސްރުގެ މުޙައްމަދު ހާނީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އޮސްޓްރޭލިއާއިން ނަތީޖާ އެއްވަރުކުރިއެވެ. މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި މިސްރުން ކުރިހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. މިޞްރަށް ގަދަ 16 ގެ ބުރުން ޖާގަ ކަށަވަރުވީ ޙުޞާމް ޢަބްދުލްމަޖީދު ވައްދާލި ފަހު ޕެނަލްޓީއާއެކުގައެވެ.
މެޗުން މޮޅުވި ތާރީޚީ ސިކުންތުކޮޅަށްފަހު، މިސްރުގެ މުޅި ޓީމުން ވަނީ ދަނޑުމަތީގައި ޝުކުރުގެ ސަޖިދައެއް ކޮށްފައެވެ. އަދި ކޯޗު ޙުޞާމް ޙަސަން ވަނީ މިސްރުގެ ދިދައާއެކު ފަލަސްޠީނުގެ ދިދަ ދަނޑުމައްޗަށް ނެރެ، ފަލަސްޠީނުގެ ރައްޔިތުންނާ މެދު އޮތް ހަމްދަރުދީ އާއި އެއްބައިވަންތަކަން މުޅި ދުނިޔެއަށް ދައްކާލާފައެވެ.
މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު ޙުޞާމް ޙަސަން ބުނީ އޭނާގެ ހިތާއި ފުރާނަވަނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.
"މާތްﷲ ފަލަސްޠީނުގެ ރައްޔިތުންނަށް ނަޞްރު ދެއްވާށި. އަދި އެބައިމީހުންގެ ތެރެއިން ޝަހީދުވި މީހުންނަށް ރަޙުމަތް ލައްވާށި. އަހަރެން މި ތާރީޚީ ކާމިޔާބީ ހަދިޔާކުރަނީ މިސްރުގެ ލޮބުވެތި ރައްޔިތުންނަށާއި، ފަލަސްޠީނުގެ ހިތްހެޔޮ، އަބުރުވެރި ރައްޔިތުންނަށް." ކޯޗު ހުސާމް ހަސަން
މިސްރުގެ މި މޮޅާއެކު ގައްޒާގެ އެކި ސަރަހައްދުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. ހަނގުރާމައިގެ ސަބަބުން ގެދޮރު ހަލާކުވެ، ފޭލިގެތަކުގައި ދިރިއުޅެމުންދާ އެތައް ހާސް ބަޔަކު ވަނީ ބޮން އަޅާފައިވާ ބިނާތަކުގެ ކައިރީގައި ބޮޑުސްކްރީންތައް ހަރުކޮށްގެން މެޗު ބަލާފައެވެ.
ގައްޒާގައި ދިރިއުޅޭ ސަޕޯޓަރަކު ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، ދިރިއުޅުމުގެ ހުރިހާ ނިކަމެތިކަމެއްގެ ތެރެއިންވެސް، މިސްރު މޮޅުވި ވަގުތު ފޭލިގެތަކުންނާއި ހަލާކުވެފައިވާ ގޭގެއިން އެތައް ހާސް ބަޔަކު ނުކުމެ ހަޅޭލަވައި އުފާފާޅުކުރިއެވެ. މިއީ މުޅި ސަރަހައްދުގައި ހިތާމަވެރިކަން މާބޮޑުވެފައިވާ ދަނޑިވަޅެއްގައި، އެ ރައްޔިތުންނަށް ހިނިތުންވުމާއި އުންމީދުގެ ހިތްހަމަޖެހުން ލިބިގެންދިޔަ ވަގުތުކޮޅެކެވެ.
ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުގައި މިސްރު ދެން ނުކުންނާނީ ވަރުގަދަ އާޖެންޓީނާއާ ދެކޮޅަށެވެ.




