ރައްޔިތުންގެ މަޖިލިހަށް މިދިޔަ މަހު އިންތިހާބުވެވަޑައިގެންނެވި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުﷲ ސޯދިގަށް މަޖިލީހުގެ ދެ ކޮމިޓީއަކުން މިއަދު ޖާގަ ދީފިއެވެ.
ވޯޓަށް އެހުމުގެ ކުރިން، މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ސޯދިގަށް ޖާގަ ދިން ދެ ކޮމިޓީއަކީ އެންވަޔަރަމަންޓް ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީކަން ހާމަކުރައްވާފައެވެ.
މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި ބައި-އިލެކްޝަން ކާމިޔާބުކުރައްވައި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ސޯދިގު މަގާމުގެ ހުވާ ކުރެއްވީ މިދިޔަ މަހުގެ 15 ގައެވެ. އޭނާ ހުވާކުރެއްވުމާއެކު މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ ޖުމްލަ އަދަދު ވަނީ 13 އަށް އަރާފައެވެ. މެންބަރުންގެ އަދަދަށް އައި މި ބަދަލާއެކު، މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮމިޓީތަކުން އެމްޑީޕީއަށް އިތުރު ދެ ޖާގަ ލިބެންޖެހެއެވެ.
ނަމަވެސް، ސޯދިގު ކޮމިޓީއަކަށް އައްޔަން ކުރުމުގެ މަރުހަލާ ލަސްވެގެންދިޔައީ އޭނާ އައްޔަން ކުރާނެ ކޮމިޓީއަކާ މެދު ވެރިކަންކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕާ ދެމެދު އެއްބަސްވުމަކަށް ނާދެވިގެންނެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ސޯދިގު އައްޔަން ކުރާނެ ކޮމިޓީ ހަމަނުޖެހި ލަސްވާތީ، މިދިޔަ ހަފްތާގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހްތިޖާޖުވެސް ކުރައްވާފައެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ ކޮމިޓީތަކުގެ ކޮމްޕޮޒިޝަން ނުވަތަ އެކުލެވިގެންވާ ގޮތަށް އައި ބަދަލު ރަސްމީކޮށް ފާސްކޮށްފައެވެ. އެއީ އެމްޑީޕީއަށް އިތުރު ދެ ކޮމިޓީއަކުން ޖާގަ ލިބޭ ގޮތަށް ގެނައި ބަދަލެވެ. ރިޔާސަތުން ހުށަހެޅުއްވި އެ ހުށަހެޅުން ފާސްވެގެންދިޔައީ ޖަލްސާގައި ބައިވެރިވެވަޑައިގަތް 66 މެންބަރުންގެ .ފުރިހަމަ ވޯޓާއެކުގައެވެ
މި ބަދަލާ ދެކޮޅަށް މަޖިލީހުގެ އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ. އަދި މި ވޯޓުގައި އަލަށް އައްޔަންވެވަޑައިގެންނެވި އަބްދުﷲ ސޯދިގު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ހުރިހާ މެންބަރުންވެސް ވަނީ ބަދަލަށް ތާއީދުކުރައްވައި ވޯޓު ދެއްވާފައެވެ.




