ނޭޝަނަލް އަދި ބައިނަލްއަގުވާމީ ފެންވަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ފޯރިގަދަ މެޗުތައް ބްރޯޑްކާސްޓްކުރުމުގައާއި ޚަބަރު ފެތުރުމުގައި، އަހުލާގީ މިންގަނޑުތަކުން ބޭރުނުވުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ވަނީ އެންމެހާ މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި، މުބާރާތުގެ ފޯރި ގަދަވަމުންދާ މި ދަނޑިވަޅުގައި އިސްލާމީ އަހުލާގީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. ވަކި ޚާއްޞަ މައްސަލައަކާ ގުޅިގެން ނެރުނު ބަޔާނެއްކަން ސާފުނުވި ނަމަވެސް، ކޮމިޝަނުން ވަނީ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ލައިވް ފީޑްތަކަށް ސަމާލުވުމަށް އެދިފައެވެ.
އެގޮތުން މެޗުތައް ދުރަށް ފޮނުވަމުންދާއިރު، އަހުލާގީ މިންގަނޑާ ޚިލާފު އަޑުތަކާއި މަންޒަރުތައް ދިއުމުން ރައްކާތެރިވުމަށް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ވޯލްޑްކަޕާ ގުޅޭ ޚަބަރާއި މަޢުލޫމާތު ގެނެސްދޭއިރުވެސް، އިސްލާމްދީނާއި ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހާ ބްރޯޑްކާސްޓަރުންނާއި ނޫސްތަކަށް ވަނީ އިލްތިމާސްކޮށްފައެވެ.
"މެޗުތައް ދުރަށް ފޮނުވަމުން ދާއިރު އަހްލާގީ މިންގަނޑާ ހިލާފު އަޑުތަކާއި މަންޒަރުތަކަށް ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ސަމާލުވުމަށާއި ހަބަރާއި މައުލޫމާތު ގެނެސްދޭއިރު ވެސް އިސްލާމްދީނާއި ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑާ އެއްގޮތްވާ ގޮތުގެ މައަތިން ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް އެންމެހާ ބްރޯޑްކާސްޓަރުންނާއި ނޫސްތަކަށް އިލްތިމާސްކުރަމެވެ." ކޮމިޝަނުންބުނެއެވެ.
މިފަހަރުގެ ފީފާ ވޯލްޑްކަޕްގެ މެޗުތައް ރާއްޖޭގައި ދެއްކުމުގެ ރަސްމީ އަދި ގާނޫނީ ހުއްދަ އޮތީ އެންމެ ދެ ފަރާތަކަށެވެ. އެއީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގެ އިތުރުން މީޑިއާނެޓް އަށެވެ.
މިދިޔަ މަހުގެ 11 ގައި ފެށުނު މި ފޯރިގަދަ ވޯލްޑް ކަޕްގެ މެޗުތައް މި މަހުގެ 19 އާ ހަމައަށް ކުރިއަށްދާނެއެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން ބާއްވާ މި މުބާރާތް މިހާރު އޮތީ ފޯރިގަދަ މަރުހަލާއެއްގައެވެ. އެގޮތުން މިހާރު ކުރިއަށްދަނީ މުބާރާތުގެ ގަދަ 16 ކަނޑައަޅާ ފޯރިގަދަ މެޗުތަކެވެ.




