ދުވަހުން ދުވަހަށް މަޝްރޫޢުތަކުގެ ކަންކަން އިންތިޒާމުކޮށް ވިލަރެސްކުރުމުގައި ހަރަކާތްތެރިވާނެ ޚާއްޞަ ޔުނިޓެއް، ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި އުފެއްދުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިގޮތަށް ނިންމެވީ ސަރުކާރުން ޢާންމުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫޢުތައް ނިންމުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމުގެ ގޮތުންނެވެ.
މި ބައްދަލުވުމުގައި ނިންމެވި މުހިންމު ކަންކަމުގެ ތެރޭގައި، ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކާއި ހަރަކާތްތައް ވިލަރެސްކުރުމަށް ބޭނުންކުރާ "ދުވެލި" ޕޯޓަލްއާއި ފިނޭންސް މިނިސްޓްރީގެ "ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ސިސްޓަމް" (ޕީއައިއެމްއެސް) ޕޯޓަލް މި ހަފުތާގެ ނިޔަލަށް އަދާހަމަކުރުން ހިމެނެއެވެ. އަދި މީގެފަހުން އެ ޕޯޓަލްތައް ވަގުތުން ވަގުތަށް އަދާހަމަކުރަމުން ގެންދިއުމަށް ވެސް ވަނީ ކަނޑައަޅުއްވާފައެވެ.
މީގެ އިތުރުން، މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެކި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ ދަތިތަކާއި މައްސަލަތައް ދެނެގަނެ، އެކަންކަމަށް އަވަސް ޙައްލެއް އޮޓޮމެޓިކުން ހޯދައިދިނުމަށްޓަކައި ފިނޭންސް މިނިސްޓްރީގައި ޚާއްޞަ ޓީމެއް ގާއިމުކުރުމަށް ވަނީ ނިންމަވާފައެވެ. ހަމައެއާއެކު، ހައުސިން މިނިސްޓްރީން ހިންގާ މަޝްރޫޢުތައް ކަނޑައަޅާފައިވާ ތާރީޚުތަކަށް ނިންމުމަށްޓަކައި، މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިތަކާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް ވެސް ފާސްކުރިއެވެ.
އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ރައްޔިތުންނަށް ބޮޑު ލުޔެއް ހޯދައިދިނުމުގެ ގޮތުން، އަންނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ އާރްޓީއެލް ވިއުގައަކުން ގުޅާލުމަށް ކުރަންޖެހޭ އެންމެހާ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ކަނޑައަޅުއްވާފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކެމިކަލް ގުދަންކޮށްފައި ހުންނަ ތަންތަނުގައި ހިނގާ ނުރައްކާތެރި ހާދިސާތަކަށް ރިއާޔަތްކުރައްވައި، މާލެއެކޭ އެއްފަދައިން އަތޮޅުތެރޭގެ ރަށްރަށުގައި ވެސް އެފަދަ ތަންތަން ތަރައްގީކުރުމުގެ ހުއްދަ ދެވޭނީ، މީހުން ދިރިއުޅޭ ސަރަޙައްދާ ދުރު، ރައްކާތެރި ހިސާބުތަކުން އެކަނި ކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
ސަރުކާރުން ފަށާފައިވާ ބައެއް މަޝްރޫޢުތައް އެންމެ އެދެވޭ ދުވެލީގައި ކުރިއަށް ނުދާތީ އާންމުންނާއި، އެކި ރަށްރަށުގެ ކައުންސިލަރުންނާއި މަޖިލިސް މެންބަރުންގެ ޝަކުވާތައް ހުށަހަޅަމުންދާ ދަނޑިވަޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންނަށް ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.
ރައީސް މިއަދު ވިދާޅުވީ، ބައެއް ތަރައްގީގެ މަޝްރޫޢުތައް އެންމެ ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އެއީ އެ މަސައްކަތްތައް ހުއްޓާލުން ނޫން ކަމަށެވެ.
"ސަރުކާރުން ކުރިއަށްގެންދާ ބައެއް ތަރައްގީގެ މަޝްރޫޢުތައް އެންމެ ބޭނުންވާ ބާރުމިނުގައި ކުރިއަށް ނުދިޔަ ނަމަވެސް، އެއީ އެ މަސައްކަތްތައް ހުއްޓާލުން ނޫން. ހުރިހާ މަޝްރޫޢުތަކެއް ވެސް ތާވަލާ އެއްގޮތަށް ނިންމާނަން،" ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.



