ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާއާ ވަކިވަކިން ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ޚާއްޞަ ޕްރޮގްރާމް ކައިރި މުސްތަޤްބަލެއްގައި ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެއެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ސީރީޒްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، މި ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތުގެ ފުރަތަމަ ދެލިކޮޕީ މިހާރު އެކުލަވާލާފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަރުހަލާގައި ފުރިހަމަކުރަންޖެހޭ ކަންތައްތައް ކަމަށެވެ. މި ބައްދަލުވުންތައް ބާއްވާނެ ރަސްމީ އުސޫލުތައް މުޅިން ކަނޑައެޅުމަށްފަހު، އާންމުންނަށް އޭގެ ތަފްސީލުތައް އެނގޭނެހެން ވަރަށް އަވަހަށް އިޢުލާންކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވަކިވަކިން ބައްދަލުކޮށް ވާހަކަދެއްކުމުގެ މިފަދަ ޕްރޮގްރާމެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ފުރަތަމަ ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައެވެ. އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި، ކޮންމެ ހަފުތާއަކު އެއް ދުވަސް ނުވަތަ ދެ ދުވަސް، ކަނޑައެޅޭ ވަކި އުސޫލެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަގުތު ހަމަޖައްސަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މިހާރު އާންމުކޮށް ރައްޔިތުންނަށް ރައީސާ ބައްދަލުވަނީ ރައީސް އޮފީހަށް ސިޓީ ހުށަހަޅައިގެން ނުވަތަ އެކި ރަސްމީ ޖަލްސާތަކާއި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ހަވާސާގައެވެ. ނަމަވެސް، ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން ބެހިފައިވާ ގޮތުންނާއި އެކި ފަންނުތަކުގެ މީހުންނަށް ރައީސާ ސީދާ ބައްދަލުކުރުމުގައި މިހާރަށްވުރެ ފަސޭހަ އަދި ފުޅާ ފުރުޞަތެއް ހޯދައިދިނުމަކީ މި އާ ޕްރޮގްރާމްގެ މައިގަނޑު ބޭނުން ކަމަށް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ މީގެ ކުރިންވެސް ރާއްޖޭގެ ހުރިހާ ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ގާތުން ބައްލަވައި، ބޭރުގެ ބައެއް ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. އަދި ސީދާ އެމަނިކުފާނާ ބައްދަލުނުކުރެވޭ ހާލަތްތަކުގައިވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތަކާއި މައުލޫމާތުތައް ގާތުން އޮޅުންފިލުއްވަމުން ގެންދަވާކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.



