ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ހިމެނޭހެން އެ ޕާޓީގެ ގިނަ މެންބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފިއެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދާ ޚިލާފުވެގެން ނަން އިއްވައި ބޭރުކޮށްފައިވަނީ ޖުމްލަ ނުވަ މެންބަރެކެވެ.
ނަން އިއްވައި މަޖިލީހުގެ ތަޅުމުން ވަގުތުން ބޭރުކުރި މެންބަރުންގެ ތެރޭގައި ޕީޖީ ލީޑަރު ނާޒިލްގެ އިތުރުން ހިމެނެނީ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދާއި، ތޮއްޑޫ ދާއިރާގެ މެންބަރު ޙުސައިން ސަމީރެވެ. މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއާއި، މަރަދޫ ދާއިރާގެ މެންބަރު އަޙްމަދުދީދީއާއި، ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިޞަލްގެ އިތުރުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްވެސް ހިމެނެއެވެ.
މި މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަން ފެށީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުޙައްމަދު ނިޒާރަށް ރުހުންދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު އިއްވަން ފެށި ވަގުތުއެވެ. ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަދި ކޮމިޓީގެ މުގައްރިރު އިބްރާހީމްދީދީ އެ ރިޕޯޓު އިއްވަވަން ފެއްޓެވުމާއެކު، އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކޮށް އިހުތިޖާޖު ކުރަން ފަށާފައެވެ.
މަޖިލީހުގެ ތަޅުމުން އެ ވަގުތު ކަންބޮޑުވުންތައް ސާފުނުވި ނަމަވެސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ބޭފުޅުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި މަހުގެ 15 ވަނަ ދުވަހު މެންބަރުކަމުގެ ހުވާކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުالله ޞާދިޤު (ސޯބެ) އަށް މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން މިހާތަނަށް ޖާގަ ދީފައިނުވުން ކަމަށެވެ.
އެމްޑީޕީ މެންބަރުންގެ އިހުތިޖާޖާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ ކޯފާ އިސްކުރައްވައި އެމްޑީޕީގެ މެންބަރުންނަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ މެންބަރަކަށްވެސް މަދުވެގެން ދެ ކޮމިޓީއަކުން ޖާގަ ދޭންޖެހޭނެ ކަމަށާއި، އެ ޖާގަ މިހާރުވެސް ދީފައިވާނެ ކަމަށެވެ.
"އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަށް ވާކަށް ނުޖެހޭ، ދެ ކޮމިޓީގެ ޖާގަ އޮންނާނީ ދީފައި،" ކޯފާ އިސްކުރައްވައި ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ރޫލިންގް ދެއްވައި، އިހުތިޖާޖު ކުރި މެންބަރުންގެ ނަންތައް އިއްވައި ތަޅުމުން ބޭރުކުރުމަށްފަހު، މިއަދުގެ ޖަލްސާގައި މެދުކެނޑުމެއް ނެތި ރިޕޯޓު އިއްވުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.



