ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގައި، ދައުލަތުން ފޯރުކޮށްދޭ ރަސްމީ އުޅަނދާއި ސެކިއުރިޓީ ބޭނުންފުޅުނުވާ ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
ސަލީމް ވިދާޅުވި ގޮތުގައި، މަގާމުގެ ހައިސިއްޔަތުން ހަމަޖެހޭ ރަސްމީ ކާރާ ހަވާލުވުމަށް މަޖިލީހުގެ އިދާރާއިން ދެންނެވި ނަމަވެސް، އެ ހިދުމަތް ހޯއްދަވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އޭނާ އަބަދުވެސް އުޅުއްވަނީ އާދައިގެ ދިރިއުޅުމެއް ކަމަށާއި، މަގާމުގައި ހުންނަވާއިރު ވެސް އާންމުކޮށް ވަޑައިގަންނަވާ ގޮތަށް ސައިކަލު ފަހަތުގައި ވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑަކީ މާ މަތީ ފަންތީގެ ދިރިއުޅުމަކަށް ލޯބިކުރާ މީހެއް ނޫން. އަޅުގަނޑުގެ ސެކިއުރިޓީ ވަނީ ހެއްދެވި ފަރާތާ ހަވާލުކުރެވިފައި. އެހެންކަމުން އިތުރު ބޮޑީގާޑުންނެއް ބޭނުމެއް ނޫން،" ސަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ސަލީމް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ އެ މަގާމަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން ނޫން ކަމަށެވެ. ނަމަވެސް، ސިޔާސީ މަސްލަހަތަށާއި ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި އެ ޒިންމާއާ ހަވާލުވެވަޑައިގަތީ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މަގާމުތަކަކީ ތާއަބަދު ދެމި އޮންނާނެ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ސިއްހީ ހާލަތަށް ރިއާޔަތްކޮށް ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު އިސްތިއުފާ ދެއްވުމަކީ، ގައުމީ މަސްލަހަތަށްޓަކައި މަގާމު ދޫކޮށްލުމުގެ ރީތި ނަމޫނާއެއް ކަމަށެވެ.
އަހުމަދު ސަލީމް މި މަގާމަށް އިންތިހާބު ކުރެވުނީ، ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވުނު އިންތިހާބުގައެވެ.



