ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކޮށްފިއެވެ.
ދުނިޔޭގެ ބާޒާރުގައި ނުތަނަވަސްކަން ހުރި ނަމަވެސް، ކުރިއަށް އޮތް މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދު ބާރުމިނެއްގައި ކުރިއަރާނެ ކަމަށް ފިޗް ރޭޓިންގްސްއިން ވަނީ ލަފާކޮށްފައެވެ. އެ އިދާރާގެ އެންމެ ފަހުގެ ސޮވެރިން ރޭޓިންގް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ އަށް އަންނަ ކުރިއެރުމާއި، އަލަށް ހުޅުވޭ ރިސޯޓުތަކަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަމާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ތަރައްގީވުމަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ވަރުގަދަވާނެ ސަބަބުތަކެވެ.
ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކާއި، ދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވާ ހުރަސްތަކުގެ އިތުރުން މެދުއިރުމަތީގެ މަސްރަހަށް އަންނަ ލޮޅުންތަކުގެ ސަބަބުން ކުރު މުސްތަގުބަލެއްގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، 2027 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އިގްތިސާދު އެވްރެޖްކޮށް 4.5 އިންސައްތައިގައި ކުރިއަރާނެ ކަމަށް ފިޗުން އަންދާޒާކުރެއެވެ. މިއީ މައިގަނޑު ގޮތެއްގައި މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވަމުންދިއުމާ ގުޅިފައިވާ ކުރިއެރުމެކެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފައިނޭންސްއިން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮންޖެހުންތަކާ އެކުވެސް މިފަދަ ހެޔޮ އަންދާޒާއެއް ލިބުމަކީ ރާއްޖޭގެ އިގްތިސާދާއި ފަތުރުވެރިކަމުގެ ދާއިރާގެ ހަރުދަނާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ މަސްރަހު އާންމު ހާލަތަކަށް ރުޖޫއަވުމާއެކު، އިގްތިސާދީ އުމްރާނީ ތަރައްގީއަށާއި، ފަތުރުވެރިކަމުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމަށް ކުރެވިފައިވާ ސްޓްރެޓީޖިކް އިންވެސްޓްމަންޓްތަކުގެ ފައިދާ ލިބި، ދެމެހެއްޓެނިވި ކުރިއެރުމަކަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތަކަށް ހިތްވަރުދީ، އިގުތިސާދު ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ގައުމުގެ މާލީ ހާލަތު އިތުރަށް ބަދަހިވެގެންދާނެއެވެ.




