މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް 714 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 22.6 އިންސައްތައިގެ ކުރިއެރުމެކެވެ.
މީރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހު ބިމު ކުލީގެ ގޮތުގައި ލިބިފައިވަނީ 582 މިލިއަން ރުފިޔާއެވެ.
ނަމަވެސް، މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 714 މިލިއަން ރުފިޔާއަށް އުފުލިފައެވެ. މި އަހަރުގެ ތެރޭގައި ބިމު ކުލީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މާރިޗު މަހުގައެވެ. އެ މަހު އެކަނިވެސް 440 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
އަހަރުގެ ފުރަތަމަ ހަތަރު މަހު ބިމު ކުލީގެ ގޮތުގައި އާމްދަނީ ލިބިފައިވާ މިންވަރު:
ޖަނަވަރީ: 90 މިލިއަން ރުފިޔާ
ފެބުރުއަރީ: 18.7 މިލިއަން ރުފިޔާ
މާރިޗު: 440 މިލިއަން ރުފިޔާ
އެޕްރީލް: 128 މިލިއަން ރުފިޔާ
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ އަދަދު އިތުރުވުމާ ގުޅިގެން، އެނދުގެ ފުރުސަތުތައް (ބެޑް ކެޕޭސިޓީ) ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން، އަހަރު ފެށުނުއިރު އޮޕަރޭޝަނުގައި ހުރި އެނދުގެ އަދަދަކީ 67,470 އެވެ. މި އަދަދު މިހާރު ވަނީ 67,302 އަށް ބަދަލުވެފައެވެ.
މި ތަންތަނުގެ ތެރެއިން އެންމެ ގިނަ ފެސިލިޓީތައް އޮޕަރޭޓް ކުރަމުންދަނީ ރިސޯޓުތަކާއި މެރީނާތަކުގައެވެ.




