ޗައިނާގެ ޝަންޒީ ޕްރޮވިންސްގެ ލިއުޝެންޔޫ ކޯލް މައިންގައި ހިނގި ނުރައްކާތެރި ގޮވުމުގެ ހާދިސާއާ ގުޅިގެން، އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު ފޮނުއްވި މެސެޖުގައި، ގިނަ ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު މި ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން އަސަރާއި ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސް ފޮނުއްވި މި މެސެޖުގައި، ހާދިސާގައި ނިޔާވި ފަރާތްތަކުގެ އާއިލާތަކަށާއި، ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ރައްދުކުރައްވާފައިވެއެވެ.
މީގެ އިތުރުން، މި ދަތި އުނދަގޫ ވަގުތުގައި ދިވެހިރާއްޖެ އޮތީ ޗައިނާއާއެކު ސާބިތުކަމާއެކުކަން ހާމަކުރައްވައި، ހާދިސާގެ އަސަރުކުރި އާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދިވަޑައިގަންނަވާފައިވެއެވެ. އަދި މިހާރު ކުރިއަށްދާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ބަޔާންކުރައްވާފައިވެއެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނުރައްކާތެރި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި 247 މީހުން މަސައްކަތް ކުރަމުންދިޔައެވެ. މި ހާދިސާގައި މިހާތަނަށް 80 އަށްވުރެ ގިނަ މީހުން މަރުވެ، 130 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.




