ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން މާބޮޑު ކަމެއް ނުކުރާ ކަމަށާއި، މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަށް ލިބިގެން އެ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ފެނިވަޑައިނުގަންނަވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) ގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ގަރާރުގައި ސޮއިކުރާނެ މެމްބަރަކު މަޖިލީހަށް ބޭނުން ނުވާ ކަމަށެވެ. އަދި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މަޖިލީހުގެ ތެރެއިން ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތިބޭފުޅުންނަށް ނުނެންގެވޭނެއޭ. އެކަން ކުރާކަށް އަޅުގަނޑުމެން ފުރުސަތެއް ނުދޭނަމޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ދީފައިވަނީ ރައީސްގެ ވެރިކަން ރައްޔިތުން ބޭނުންވާ ގޮތަށް ކުރަން ފަހިކޮށްދިނުމަށް ކަމަށެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުމަކަށް އައި ދުވަސްވަރު އައްޑޫގައި ހިނގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ އަގުހުރި ލިޔެކިޔުންތަކާއި މުއައްސަސާތަކުގައި ހުޅުޖެހުމުގެ މޭސްތިރިއަކު މަޖިލީހަށް ފޮނުވަން ރައްޔިތުން ބޭނުން ނުވާނެ ކަމަށެވެ. މާޒީން އިބުރަތް ހާސިލުކޮށް މާދަމާ ބިނާކުރުމަށް ވޯޓު ދޭންވާނީ ޕީއެންސީގެ ކެންޑިޑޭޓަށް ކަމަށް އޭނާ ބާރުއެޅުއްވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މައްޗަށް ސާބިތުވި ދަރަނީގެ މައްސަލައަކާ ގުޅިގެންނެވެ. އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ ބައި އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން ސޯބެ އަދި ޕީއެންސީގެ ފަރާތުން ސައީދު އެވެ. އަބްދުއްރަހީމް ވިދާޅުވީ މި ގޮނޑި ޕީއެންސީން އަލުން ކާމިޔާބުކުރާނީ ސިނާންގެ ވެސް އެހީތެރިކަމާ އެކުގައި ކަމަށެވެ.




